
މި އަހަރުގެ މިހާތަނަށް 582،632 ފަތުރުވެރިން ރާއްޖެ އައިސްފި

އަލީ ޝާމިލް ހަސަން - 11 އޭޕްރީލު 2023 - 16:01
މި އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް 582،632 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2021ވަނަ އަހަރާއި، 2022ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށްވުރެން މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިން އަދަދު އިތުރެވެ. އެހެން ކަމުން 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހާ ހަމަޔަށް ރާއްޖެ އައިސްފައިވަނީ 334،393 ފަތުރުވެރިންނެވެ. އަދި 2022ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހާ ހަމަޔަށް ރާއްޖެ އައިސްފައިވަނީ 482،801 ފަތުރުވެރިންނެވެ. އެ ގޮތުން މި އަހަރު އައިސްފައި މި ވަނީ 20.7% އިތުރުވުމެކެވެ.
މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުތުވެރިން ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެ ގޮތުން އެ މަހު އެކަނި ވެސް 177،915 ފަތުރުވެރިން ރާއްޖެއަށް އައެވެ. މި ހިނގާ އޭޕްރީލް މަހުގައި އަދި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އޭޕްރީލް މަހުގެ 2ވަނަ ދުވަހުގައެވެ. އެހެން ކަމުން އެ ދުވަހު އެކަނި ވެސް 7،359 ފަތުރުވެރިން ރާއްޖެއަށް ވނީ އައިސްފައެވެ.
ހަމަ އެކަނި މި ހިނގާ އޭޕްރީލް މަހަށް ބަލާ އިރު، މަހުގެ 10ވަނަ ދުވަހާ ހަމަޔަށް 58،704 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
2021ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. އަދި 2022ވަނަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައެވެ.
މި ވަގުތު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ ރަޝިޔާއިންނެވެ. އެ ގޮތުން 70،726 ފަތުރުވެރިން ވަނީ މި އަހަރުގެ ތެރޭގައި ހަމަ އެކަނި ރަޝިއާއިން ރާއްޖެ އައިސްފަެވެ. މިއީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ %12.1 އެވެ. 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ އިންޑިއާއިންނެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް ހަމައެކަނި އިންޑިއާއިން 61،634 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެ އަންނަ ޖުމްލަ ފަތުރުވެރިންގެ %10.1އެވެ. 3ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ އިނގިރޭސިވިލާތުންނެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް އެ ޤައުމުން 57،804 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަައެވެ. އެއީ ރާއްޖެ އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %9.9އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އައި އިރު، ފަތުރުވެރިން އެވަރެޖް ގޮތެއްގައި އަށެއްކަ ދުވަސް ރާއްޖޭގައި ހޭދަކުރެެއެވެ.
ދިވެހިރާއްޖޭގައި 174 އެނދު ހުރި އިރު، އޭގެ ތެރެއިން 170 އެނދު ހުރީ އޮޕަރޭޝަނަލް ކެޕޭސިޓީގައެވެ. އެއީ ޖުމްލަ 41،241 އެނދެވެ.






