
ފަތުރުވެރިންތަކެއް ރާއްޖޭގައި
އަހަރުގެ މިހާތަނަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މުޙައްމަދު މުއައްވަޒު - 22 އޭޕްރީލު 2023 - 08:02
ިމިއަހަރު ފުރަތަމަ ހަތަރުމަސް ނިމުމުގެ ކުރިން ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ ފުރަތަމަ 19 ދުވަހު 102،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު މަހެއްގެ މައްޗަށް އެވަރެޖްކޮށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އަންނަ އިރު، މިމަހުގެ 19 ވަނަ ދުވަހާހަމައަށް 626،392 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 18،8 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މާކެޓްގެ ބޮޑުބައެއް ހިއްސާކުރަނީ ރަޝިއާއެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން 75،594 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އެއީ މާކެޓްގެ 12 ޕަސެންޓް ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. އެއީ 66،630 ފަތުރުވެރިންނާއެކު މާކެޓްގެ 10.6 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް 61،464 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އެވަރެޖްކޮށް ދުވާލެއްގެ މައްޗަކށް 5،747 ފަތުރުވެރިން ރާއްޖެ އަންނައިރު، ރާއްޖޭގައި 7.9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. އެވަރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް 174،642 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.






