logo

އޭޓީއެމް ފެއަރގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަނީ

profile

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:15

މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ކަމަށްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ފުޅާ ހަރަކާތްތަކެއް ފަށައިފިއެވެ.

https://wamco.com.mv/

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެށުނު މި ފެއާ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކޮށް މާކެޓް ކުރުމުގެ މަޤްޞަދުގައި ބޭއްވޭ މި އަހަރުގެ ފެއާގައި، ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު 74 ކުންފުންޏަކުން ޖުމްލަ 165 މަންދޫބުން ބައިވެރިވެއެވެ.

މި ފެއާގައި ރާއްޖެ ތަމްސީލުކުރުމަށްޓަކައި 517 އަކަފޫޓުގެ ބޮޑު، ހިތްގައިމު ސްޓޭންޑެއް ވަނީ ޤާއިމުކޮށްފައެވެ. ހަތަރު ފަރާތުންވެސް ފަސޭހައިން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑުން ދައްކުވައިދެނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ މުއްސަނދި ފަރުތަކާއި ދިރުންތަކެވެ. އަދި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިވަންތަ ރަހަތައް ދައްކުވައިދޭ ކާނާ ތަޖުރިބާކުރުމުގެ ޚާއްޞަ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު އެއަރލައިންތައް ކަމަށްވާ ޤަތަރު އެއަރވޭސްއާއި އެމިރޭޓްސްގެ އިތުރުން، މެދުއިރުމަތީގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރު ކަމުގައިވާ ޑިނާޓާއާއެކު ޕާޓްނަރޝިޕް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، މި ފެއާގައި ވިޔަފާރިތަކުގެ މެދުގައި ބާއްވާ ބީ2ބީ (ބިޒްނަސް ޓު ބިޒްނަސް) ބައްދަލުވުންތަކަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑުގެ ދެ ފަންގިފިލާގައިވެސް މިފަދަ ބައްދަލުވުންތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު މުހިންމު އަދި ބާރުބޮޑު މާކެޓަކަށް ވާތީ، އޭޓީއެމް ފެއާގެ ތެރެއިން ކުރިއަށްދާ މި ބައްދަލުވުންތަކާއި ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން އުންމީދުކުރެއެވެ.

https://wamco.com.mv/
tel:+9607331319