logo

ޤައުމުގެ ފިކުރު ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން އިސްނެގުމަށް ރައީސް އެދިވަޑައިގެންފި

profile

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:04

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

https://wamco.com.mv/

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީޚާއި ދިވެހި ތާރީޚަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. މި މޭރުމުން އެމަނިކުފާނު ވަނީ، އިސްލާމީ ތާރީޚު ދުށް ޒުވާން ޝަޚްސުންގެ ހަނދާނާއި ޛިކުރާ އާކުރައްވާފައެވެ. ހަމައެއާއެކު، ދިވެހި ތާރީޚުގައިވެސް ރާއްޖޭގެ ޢިލްމުވެރީން، ދީނީ ޢިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ޤައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ޤުރްބާނީތައް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަޞްލަޙަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޒުވާން ޚަޠީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319