
400 މިލިއަން ޑޮލަރަކީ ޕާޓީގެ ޕޯޑިއަމްގައި ވިދާޅުވި އަމާޒެއް: ވަޒީރު ސައީދު

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:03
ރާއްޖޭގައި ފެށި ބަންކަރިންގެ ޚިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން ވިދާޅުވި ވާހަކައަކީ ޕާޓީގެ ޕޯޑިއަމްގައި ވިދާޅުވި ވާހަކައެއް ކަމަށާއި، އެއީ ހާސިލުކުރަން ކަނޑައެޅި އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، އެއްވެސް އިރެއްގައި ސީދާ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ޕާޓީގެ ޕޯޑިއަމްތަކުގައި އެފަދަ ވަރަށް ގިނަ ވިސްނުންތަކާއި އަމާޒުތައް ހާމަކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޕާޓީގެ ވަރަށް ގިނަ ވިސްނުންތައް އެބަހުރި ކަމަށާއި، މިހާތަނަށް ސަރުކާރުން ކުރި މަސައްކަތްތަކުން އެ އަމާޒުތައް ހާސިލުވާނެ ކަމުގެ އުއްމީދު މިހާރު ވަރަށް ބޮޑަށް އާވެގެން ގޮސްފައިވާ ކަމަށެވެ.
ބަންކަރިންގެ ޚިދުމަތާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިހަވަންދިއްޕޮޅުގައި ޚާއްސަ ބޮޑު ބަނދަރެއް ތަރައްގީކޮށް، ގިނަ ޚިދުމަތްތަކެއް ތައާރަފުކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ޝިޕް ޓު ޝިޕް ސާވިސް، ކްރޫ ޗޭންޖު، ވޯޓާ ބަންކަރިން، މެއިންޓެނެންސް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކުރުމުގެ ޚިދުމަތް ހިމެނެއެވެ.
ނަމަވެސް، މިއަދާ ހަމައަށް ވެސް މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އެ ސަރަހައްދުގައި ފެށިފައި ނުވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިހާރު ޚިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ބަންކަރު ބޯޓުތައް ބާއްވައިގެންނެވެ.
ޑޮލަރުގެ އާމްދަނީ އިތުރުވެ، ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން ރާއްޖެއަށް ވަދެފައިވާ އާމްދަނީއެއް ނޫން ކަމަށެވެ.
އަދި މި ހިދުމަތުން ލިބޭ އާމްދަނީ ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ވެސް މަތިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބަނދަރެއް ވެސް ނެތި ހިދުމަތް ފަށައިގެން މި ވަރުގެ އާމްދަނީއެއް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޓީއެމް ފެއަރގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަނީ
5 ގަޑިއިރު ކުރިން
ސްޕްރީމްކޯޓުގެ ތަޅުއެޅުވީކީ ނޫން، އެއީ ސިޔާސީ ކަމެއްވެސް ނޫން، އިންސާފު ގާއިމުކުރީ: ރައީސް ޔާމީން
5 ގަޑިއިރު ކުރިން

ޤައުމުގެ ފިކުރު ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން އިސްނެގުމަށް ރައީސް އެދިވަޑައިގެންފި
5 ގަޑިއިރު ކުރިން

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު އިރު ރައީސް ޑރ މުއިއްޒުގެ އަޙުލާގާއިމެދު ރައްޔިތުން ސުވާލު އުފައްދާ: ޑރ ޖަމީލް
7 ގަޑިއިރު ކުރިން


