logo

ދިވެހީން އަނދަވަޅަކަށް ވައްޓާލައިފި، ވިޔަފާރިވެރިންނަށް ތާށިވެއްޖެ: ރައީސް ނަޝީދު

profile

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 05:48

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ނާޤާބިލު ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ހަލާކުވެ، މުޅި ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެ މިއަދު މިއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި އިޤްތިޞާދު އިނދަޖެހެމުންދާ މަންޒަރު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު 22 ރުފިޔާ 50 ލާރިން ތިރިނުވެ، އުފުލެމުން ދިއުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މާލިއްޔަތާއި އިޤްތިޞާދާ ގުޅޭގޮތުން ގެންގުޅެން ޖެހޭ ސިޔާސަތުތައް ކުޑަކޮށްވެސް އެނގިވަޑައި ނުގަންނަވާތީވެ، މަޤްބޫލުކަން ގެއްލިފައިވާ ޑރ. މުޢިއްޒުގެ ނާޤާބިލް ސަރުކާރުން އަޅުގަނޑުމެން ދިވެހީން މި ގެންދަނީ އަނދަވަޅަކަށް. ކަނޑު ބަނދެވި ތިބެ އަނދަވަޅަކަށް ދިއުން މިއީ. ވިޔަފާރިވެރިންނަށް ތާށިވެއްޖެ. ތަކެއްޗެއް އެތެރެއެއް ނުކުރެވޭ. ޓީޓީއަކަށް ފައިސާއެއް ނުފޮނުވޭ. ވިޔަފާރިތަކުގެ ނަފާ ވަރަށް ބޮޑަށް ދަށްވެއްޖެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ދަރަނި އަދާކުރުމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން ރާއްޖޭގައި ހުރި ހުރިހާ ޑޮލަރެއް ސަރުކާރުން ހުސްކޮށްލާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތާ މެދު އެއްވެސް ވިސްނުމެއް ނެތި ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވައި، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނަގަން އުޅުމާއި، 20 ޕަސެންޓް އަދި 40 ޕަސެންޓް މާރުކުރަން އުޅުން ފަދަ ސިޔާސަތުތަކުގެ ސަބަބުން އެއްވެސް ކަމެއް ހާސިލުނުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ހޯދަން ކުރި މަސައްކަތް ވެސް ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރުކާރުން ކަންކަން ކުރަނީ ދެފުށް ކެހެރިވެރިކަމާއި މުނާފިޤުކަމާއެކު ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، ވެރިކަމަށް އައުމަށްޓަކައި ޤައުމިއްޔަތާއި ދިދައިގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލި ނަމަވެސް، މިއަދު ފެންނަނީ ސިއްރިއްޔާތުގައި ޤައުމުގެ ހަރުމުދާ ވިއްކަމުންދާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން ހަދާ ކޮންޓްރެކްޓްތަކުގެ ތަފްޞީލު ރައްޔިތުންގެ މަޖިލީހަށް ވެސް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުރިއަށް އޮތް ހަތަރު ބައި-އިލެކްޝަންގެ ތެރެއިން ހއ. ވަށަފަރު، ނ. ކުޑަފަރީ، ވ. ތިނަދޫ އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ފާހަގަކުރައްވައި، ޚާއްޞަކޮށް ވަށަފަރު ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިއާއެކު އެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި އެންމެހައި މެންބަރުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319