.webp&w=3840&q=75)
އިސްރާއީލުން ހަލާކުކޮށްލި ދަނޑުތަކުން ޒައިތޫނި ހޮވަނީ: ޣައްޒާގެ ރައްޔިތުންގެ ސާބިތުކަން!

އާމިނަތު ޝަޒްލާ - 14 އޮކްޓޯބަރު 2026 - 12:38
އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މުޅި ޣައްޒާ ސުންނާފަތިކޮށް، ދަނޑުބިންތައް ހަލާކުކޮށްލާފައިވީ ނަމަވެސް، އެ ބިމުގައި ބާކީހުރި މަދު ޒައިތޫނި ގަސްތަކުން ޒައިތޫނި ބިނުމުގައި ޣައްޒާގެ ރައްޔިތުން ދައްކަމުންދަނީ ނުގުޑާފަދަ ސާބިތުކަމެއްގައި ކަމަށް ގަލްފް ޓައިމްސްއިން ރިޕޯޓުކޮށްފިއެވެ.
ގަލްފް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން، މެދުތެރޭ ޣައްޒާގައި އެންމެ ކުރިއަރާފައިވާ އެއް ޒައިތޫނި ބަގީޗާ ހިންގި އުމުރުން 60 އަހަރުގެ ހައިދަރު އަބޫ މިއްދައިން މިއަދު ފެންނަނީ، އިސްރާއީލުގެ ބުލްޑޯޒަރުތަކުން ފުނޑުފުނޑުކޮށްލާފައިވާ އޭނާގެ ދަނޑުގެ ހިކި ފަސްގަނޑު މަތީގައި ވެއްޓިފައިވާ ގަސްތަކުގެ އޮފިތައް އެއްފަރާތްކުރަން ހުއްޓައެވެ. އޭނާގެ ބޭބެމެންނާއި ބޮޑުބޭބެމެންނާއެކު ހިންގި 900 ދޫނަމް (220 އޭކަރު) ގެ މި ބޮޑު ބަގީޗާއަކީ އަހަރުގެ މި ދުވަސްވަރު ގަސްތައް މޭވާއިން ފުރި ބާރުވެފައި އޮންނަ ބިމެކެވެ. އާންމުކޮށް މި މޫސުމުގައި މުޅި އާއިލާ އެކުގައި ނުކުމެ 1,100 އާއި 1,500 އާ ދެމެދުގެ ޓަނުގެ ޒައިތޫނި އުފައްދައި، ބައެއް މޭވާގެ ގޮތުގައި އަދި ބާކީ ހުންނަ ބައިން 16 ލީޓަރުގެ 900 ފުޅި ފުރޭވަރަށް ތެޔޮ އުފައްދައެވެ.
ނަމަވެސް މިއަދު މި ބަގީޗާގެ ދެބައިކުޅަ އެއްބައި އޮތީ އިސްރާއީލު ސިފައިން ފާރަވެރިވާ "ރީނދޫ ރޮނގުން" އެތެރޭގައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގެ ތިންބައިކުޅަ ދެބައި ސަރަހައްދަށް ވަނުން މަނާކޮށްފައިވާއިރު، އަބޫ މިއްދައިންގެ ބަގީޗާގެ އަނެއް ބަޔަށް ވަދެވުނު ނަމަވެސް އޭގެ ބޮޑުބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ. ކުރިން އެތައް ހާސް ގަހެއް ހުރި އެ ބިމުގައި މިހާރު ކޮޅަށް ހުރީ އެންމެ 20 ނުވަތަ 30 ވަރަކަށް ގަހެވެ.
ރޮއިޓާސްއަށް މައުލޫމާތު ދެމުން އަބޫ މިއްދައިން ބުނެފައިވަނީ، ހަނގުރާމައިގެ ކުރިން އެ ބިމަކީ އާއިލާތަކުގެ ދިރިއުޅުމުގެ މައިގަނޑު އާމްދަނީއާ ގުޅިފައިވާ ބަރަކާތްތެރި ބިމެއް ކަމަށާއި، އެ ދަނޑުތަކުން ލިބޭ ޒައިތޫންޏާއި އޭގެ ތެލަކީ މުޅި މެދުތެރޭ ސަރަހައްދުގެ ބޭނުންތަކަށް ފުދޭ މިންވަރުގެ މުއްސަނދި އުފެއްދުންތަކެއް ކަމަށެވެ. އޭނާ ލަފާކުރާ ގޮތުގައި މިހާރު ހުރި ގަސްތަކުން ލިބޭނީ އެންމެ ދެ ފުޅި ތެލެވެ.
ޣައްޒާގެ ދަނޑުވެރިކަމާ ބެހޭ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، އެ ސަރަހައްދުގައި ހުރި 2 މިލިއަން ޒައިތޫނި ގަހުގެ ތެރެއިން މިހާރު ސަލާމަތުން ހުރީ އެންމެ 150،000 އެއްހާ ގަހެވެ. މި ސަބަބަށްޓަކައި، އަހަރަކު އާންމުކޮށް ނެރޭ 40،000 ޓަނުގެ ޒައިތޫނީގެ ބަދަލުގައި މިއަހަރު ލިބޭނީ ގާތްގަނޑަކަށް 5,000 ޓަނެވެ. އަދި އުފައްދާ ތެލުގެ މިންވަރު 5,000 ޓަނުން 700 ޓަނަށް ވަނީ ދަށަށް ގޮސްފައެވެ.
އަހަރުގެ މި ދުވަސްވަރަކީ ބާޒާރުތަކުގައި ޒައިތޫނި ތެޔޮ ތިޔާގި ދުވަސްވަރަކަށް ވިޔަސް، މިއަދު ތަކެތި މަދުވެ، އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ދީރް އަލް-ބަލާހްގެ ބާޒާރުގައި ހުރި އުމުރުން 33 އަހަރުގެ އިމާދު އަލް-އަޖްރަމީ ބުނި ގޮތުގައި، ޒައިތޫނި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 500 ޑޮލަރަށް އަރާފައެވެ. މިއީ އާންމު ރައްޔިތުންނަށް އަތްފޯރާ ވަރަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. މީގެ އިތުރުން ހަނގުރާމައިގެ ކުރިން 40 އެއްހާ ޒައިތޫނި ފިއްތާ މެޝިން ހިންގި ނަމަވެސް، މިހާރު މަސައްކަތް ކުރަނީ އެންމެ 7 ތަނުގައެވެ. ދީރް އަލް-ބަލާހްގައި މިފަދަ ތަނެއް ހިންގާ ފަވާޒް ޒައިދާން ބުނީ، ގަސްތައް ބުލްޑޯޒަރު އަޅައި ހަލާކުކޮށްފައިވާތީ މެޝިނަށް އަޅާނެ ޒައިތޫންޏެއް ވެސް މިހާރު ނުލިބޭ ކަމަށެވެ.
މި ހިތްދަތި ހާލަތުގައި ވެސް، އިސްރާއީލުގެ ހަމަލާތަކުން ނިސްބަތުން ސަލާމަތްވެފައިވާ ދީރުލް ބަލަޙުގެ ސަރަހައްދުތަކުގައި އާއިލާތަކުން ދަނީ އުއްމީދާއެކު ދަނޑުތަކަށް ނުކުންނަމުންނެވެ. ޚަލީލް މަންސޫރުގެ އާއިލާއިން ބާކީ ހުރި ގަސްތަކުން ޒައިތޫނި ބިންނަމުން ދިޔައިރު ފެނުނީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމެވެ. ފައިބަރަހަނާ ހުރި ކުދިން ގަސްތަކަށް އަރައި މޭވާ ބިންނަމުން ދިޔައިރު، އަންހެން ކުދިން ތިރީގައި އެޅި ހުދު ފޮތިގަނޑު މަތީގައި ޒައިތޫނިތައް ވަކިކުރަން ތިއްބެވެ.
އެ މަސައްކަތުގައި ބައިވެރިވި އުމުރުން 38 އަހަރުގެ އަޙްމަދު ޚާޟިރު ބަޔާންކުރި ގޮތުގައި، ކުރީ އަހަރުތަކުގައި މި މޫސުމާ ދިމާކޮށް ދެތިން މަސްދުވަހުގެ މަސައްކަތް ލިބުނު ކަމުގައި ވިޔަސް، މިއަދު ދުވަހު އުޖޫރައެއް މިންވަރުވުމަކީ ވެސް ވަރަށް ބޮޑު ނަސީބެކެވެ. އަދި ދަރިންގެ ޒަރޫރީ ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށްޓަކައި، ކޮންމެ ދުވަހެއްގެ ދެއިރު ކާނާ ހޯދުމުގެ ބުރަ މަސައްކަތުގައި އެމީހުން ދެމިތިބެނީ މަޖުބޫރުވެގެން ކަމުގައި ވެސް އޭނާ ފާހަގަކުރިއެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުން ޣައްޒާގެ ދަނޑުބިންތަކާއި ޒައިތޫނި ބަގީޗާތައް ބިމާ ހަމަކޮށްލި ނަމަވެސް، އެ ބިމުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައިވާ ކެތްތެރިކަމާއި ފަލަސްތީނުގެ މިނިވަންކަމަށް އޮތް ލޯތްބެއް ފުހެލެވިފައެއް ނުވެއެވެ. ޒައިތޫނި ގަހަކީ ފަލަސްތީނުގެ ރައްޔިތުންގެ ވަރުގަދަ އަޒުމާއި އެ ބިމާ ދެމެދު އޮތް ގުޅުމުގެ ދިރިހުރި ރަމްޒެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ސަރަޙައްދާއި ސިޔާދަތު ބެލެހެއްޓުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ކުރާ ކަމެއް: ސަރުކާރު
11 ގަޑިއިރު ކުރިން

އިސްރާއީލުގެ އައު ގަވާއިދަށް އަމަލުކުރަން އެއާ ފްރާންސުން ނިންމައިފި
ދުވަހެއް ކުރިން

ރަސްމާލެ މަޝްރޫޢު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
2 ދުވަސް ކުރިން

ރަސްމާލޭގެ ބިން އީގަލްސް ހިލްސްއަށް: ގައުމީ ސިޔާދަތާއި އިގްތިސާދީ މިނިވަންކަން ނުރައްކަލެއްގެ ތެރޭގައި؟
2 ދުވަސް ކުރިން


