
އިސްރާއީލުގެ އައު ގަވާއިދަށް އަމަލުކުރަން އެއާ ފްރާންސުން ނިންމައިފި

އާމިނަތު ޝަޒްލާ - 13 އޮކްޓޯބަރު 2026 - 11:27
އިސްރާއީލާއެކު ސިޔާސީ ގުޅުން ނެތް ބައެއް ގައުމުތަކުގެ ފަޅުވެރިންނާ ގުޅޭގޮތުން އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އައު ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމަށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން ހާމަކޮށްފިއެވެ.
އަލްޖަޒީރާއަށް ދީފައިވާ ބަޔާނެއްގައި އެއާ ފްރާންސުން ބުނެފައިވަނީ، އެހެން ހުރިހާ އެއާލައިންތަކެކޭ އެއްފަދައިން އެ އެއާލައިނުން ދަތުރުކުރާ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އެތެރެވުމުގެ ގަވާއިދުތަކަށް ކަސްޓަމަރުންނާއި މުވައްޒަފުން ވެސް އަމަލުކުރާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ތެލް އަވީވަށް ކުރާ ދަތުރުތަކާ ގުޅޭގޮތުން އިސްރާއީލުން އަލަށް އަމަލުކުރަން ފެށި ގަވާއިދުތަކުގެ މައުލޫމާތު މިހާރު ކަމާ ގުޅުންހުރި މުވައްޒަފުންނާ ހިއްސާކޮށްފައިވާ ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
އިސްރާއީލުގެ އެން12 ބްރޯޑްކާސްޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ރޯޑް ސޭފްޓީން އޮކްޓޯބަރު 1 ވަނަ ދުވަހު ބޭރުގެ އެއާލައިންތަކަށް އަންގާފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަންނަ ފްލައިޓްތަކުގެ ޕައިލެޓުންނާއި ކެބިން ކްރޫއިންނަކީ އިސްރާއީލާއެކު ސިޔާސީ ގުޅުން ނެތް ގައުމުތަކުގެ ރައްޔިތުން ކަމުގައި ނުވަތަ އެފަދަ ގައުމެއްގެ ދެވަނަ ސިޓީޒަންޝިޕް އޮންނަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
މި އެންގުން އައިސްފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިބައި ފްލައިޓެއް އޮމާންގެ ކޯ-ޕައިލެޓަކު ހައިޖެކްކޮށް، ބެން ގޫރިއަން އެއާޕޯޓަށް ވައްޓާލަން އުޅުނު ކަމަށް ބުނާ ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި ކޯ-ޕައިލެޓް ވަނީ ބޯޓުގެ އިންޑިއާ ޕައިލެޓަށް ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެ ޕައިލެޓަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އިސްރާއީލުން އެޅި މި ފިޔަވަޅުގެ އަސަރު އެ ގައުމަށް ދަތުރުކުރާ އަދި ވައިގެ ސަރަހައްދު ބޭނުންކުރާ ދިހަވަރަކަށް އެއާލައިނަށް ކުރާނެ ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން އަލްޖަޒީރާއިން އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ސުވާލުކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
އަލްޖަޒީރާއިން އިސްރާއީލަށް ދަތުރުކުރާ ބައިނަލްއަގުވާމީ 15 އެއާލައިނަކާ ސުވާލުކުރުމުން، ޗެކް ރިޕަބްލިކްގެ 'ސްމާޓްވިންގްސް' އިން ވަނީ އެ އެންގުން ލިބިފައިވާ ކަމަށާއި އެ އަމުރަށް ބޯލަނބާނެ ކަމަށް ބުނެފައެވެ. އެ ކުންފުނީގެ ތަރުޖަމާނު ލަޑިމީރާ ޑުފްކޯވާ ބުނީ ސެޕްޓެމްބަރު 2026 ގައި ލިބުނު މި އަމުރު ދިރާސާކުރަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. މީގެއިތުރުން އެމެރިކާގެ ޔުނައިޓެޑް އެއާލައިންސުން މިކަމާ ގުޅޭގޮތުން ބުނީ ހިއްސާކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށެވެ.
މި ނިންމުމާ ގުޅިގެން ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ޕެރިހުގެ ގާނޫނީ ވަކީލު ކްލާރާ ގަންޑިން ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުގެ މި ގަވާއިދަށް އަމަލުކުރުމަކީ ފްރާންސްގެ ވަޒީފާއާބެހޭ ގާނޫނުތަކާ އެއާ ފްރާންސުން ހިލާފުވުމުގެ ފުރުސަތު އޮތް ކަމެކެވެ. މިއީ ވަކި ބަޔަކާމެދު ގެންގުޅޭ ނުހައްގު ތަފާތުކުރުމެއް ކަމަށާއި، މި ލިސްޓުގައި ހިމެނޭ 31 ގައުމުގެ ތެރޭގައި ހިމެނޭ ގިނަ އަރަބި އަދި މުސްލިމް ގައުމުތަކުގެ ކޮންމެ ރައްޔިތަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢު ހުއްޓުވަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
16 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލްސް ހިލްސްއަށް: ގައުމީ ސިޔާދަތާއި އިގްތިސާދީ މިނިވަންކަން ނުރައްކަލެއްގެ ތެރޭގައި؟
18 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
ދުވަހެއް ކުރިން

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
2 ދުވަސް ކުރިން


