.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި

އާމިނަތު ޝަޒްލާ - 12 އޮކްޓޯބަރު 2026 - 11:25
އިންޑިއާގެ ވެރިރަށް ދިއްލީގައި، ވޯޓުލާ މީހުންގެ ދަފުތަރަށް ގެނައި އިސްލާހާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކާ ހެދި، އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓާ ދިމާލަށް މިއަދު ހިނގާލުމެއް ފެށުމާ ގުޅިގެން، ދިއްލީގެ ހަ މެޓްރޯ ސްޓޭޝަނެއް ބަންދުކޮށް، ދަތުރުފަތުރަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފިއެވެ.
މިކަމުގެ ސަބަބުން ދިއްލީގެ މަރުކަޒީ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާއި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ ބައިވެރިން މި މަހު އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ. އެމީހުން ދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެމީހުން ބުނާ ގޮތުގައި، ވޯޓާ ލިސްޓަށް ގެނައި މި ބަދަލަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލެކެވެ.
ވޯޓުލާ މީހުންގެ ދަފުތަރު މުރާޖައާ ކުރުމުގެ މަސައްކަތުގެ ތެރެއިން، ޖަޕާނުގެ މުޅި އާބާދީއަށްވުރެ ގިނަ މީހުން ނުވަތަ 130 މިލިއަނަށްވުރެ ގިނަ ނަން ވަނީ ދަފުތަރުން އުނިކޮށްފައެވެ. އޭގެ ތެރޭގައި މަރުވެފައިވާ 28 މިލިއަން މީހުންނާއި، ދިރިއުޅޭ ތަން ބަދަލުވެފައިވާ 63 މިލިއަން މީހުންގެ އިތުރުން، އުޅޭތަނެއް ދެނެގަނެވިފައި ނުވާ 30 މިލިއަން މީހުން ހިމެނެއެވެ. މިހެން ގިނަ އަދަދެއްގެ ނަންތައް އުނިކޮށްފައިވުމަކީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ އެންމެ ބޮޑު އެއް ސަބަބެވެ.
ނިމިދިޔަ ބަންދު ދުވަސްތަކުގައި އިންޑިއާގެ ވެރިރަށް ދިއްލީގެ މަރުކަޒީ ސަރަހައްދު ބަންދުކޮށް، މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަނުދީ ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ވަނީ މަސައްކަތްކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން 'ކޮކްރޯޗް ޖަންތާ ޕާޓީ' (ސީ.ޖޭ.ޕީ) ގެ އިސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ޒުވާނުންގެ ހަރަކާތްތަކަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށް ގެންދަން އުޅުނު މި ހިނގާލުން ހުއްޓުވުމަށްޓަކައި ހާހަކަށްވުރެ ގިނަ ސަލާމަތީ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އިލެކްޝަން ކޮމިޝަނުން އެއްވެސް ސިޔާސީ ޕާޓީއަކަށް ވަކި ފަރާތަކަށް ނުޖެހޭކަމަށް ބުނެފައިވާއިރު، އޮޅުމަކުން އުނިކުރެވިފައިވާ ވޯޓުލާ މީހުންގެ ނަންތައް އަލުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަނެއްކޮޅުން، ބީ.ޖޭ.ޕީ އިން ވަނީ އިދިކޮޅު ފަރާތްތަކުން އިންތިޚާބީ ނިޒާމާ މެދު ސުވާލު އުފައްދައި، ގައުމުގެ ދިމިގްރާތީ އުސޫލުތައް ބަލިކަށިކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ހޯމަ ދުވަހު މެޓްރޯގެ ހަ ސްޓޭޝަނެއް ބަންދުކޮށްފައިވާއިރު، ފުލުހުން ވަނީ ވިހިއަށްވުރެ ގިނަ ސަރަހައްދެއްގެ ޓްރެފިކް ބަދަލުކޮށް، ދަތުރުފަތުރުކުރުމުގައި ހުރަސްތަކެއް ކުރިމަތިކޮފައެވެ. މަރުކަޒީ ދިއްލީގެ މުހިންމު މަގުތައް ބަންދުކޮށް، ފެންބޮން އުކާ އުޅަނދުތަކާއެކު ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ސާމާނާއެކު ސަލާމަތީ ބާރުތަކުގެ ސަތޭކައަށްވުރެ ގިނަ މެންބަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ރޮއިޓާސްއަށް ލިބިފައިވާ ރަސްމީ އަމުރަކާ ހަވާލާދީ ދިއްލީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ދިއްލީގެ ވިޔަފާރީގެ މައި މަރުކަޒުގައި ހުންނަ 'ޖަންތަރު މަންތަރު' އަކީ މުޒާހަރާކުރުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ ސަރަހައްދެއްގެ ގޮތުގައި ދެން ނުބެލެވޭނެއެވެ. އަދި އެކަމަށްޓަކައި އިތުރު ތިން ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުމަށް ބާރުއެޅުމުގެ ގޮތުން 'ކޮކްރޯޗް މޫވްމަންޓް' ގެ ބައިވެރިން ވަނީ މި އަހަރުގެ ކުރީކޮޅު ޖަންތަރު މަންތަރުގައި ހަފުތާތަކެއް ވަންދެން އިށީނދެގެން ތިބެ މުޒާހަރާކޮށްފައެވެ. ތާރީޚީ އޮބްޒަވޭޓަރީއެއް ހުންނަ މި ސަރަހައްދަކީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މުޒާހަރާތަކަށް މަޝްހޫރުވެފައިވާ ތަނެކެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!
20 ގަޑިއިރު ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
20 ގަޑިއިރު ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
ދުވަހެއް ކުރިން

މާތް الله ގެ ވާގިފުޅާއެކު ދިވެހި އުންމަތް ސަލާމަތްކުރާނަން: ޝައިޚް އިމްރާން
ދުވަހެއް ކުރިން


