
ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީންގެ ތޫނު ސުވާލުތަކެއް!

އާމިނަތު ޝަޒްލާ - 12 އޮކްޓޯބަރު 2026 - 02:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިރޭ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި، މިހާރުގެ ސަރުކާރަށް އަމާޒުކޮށް ގިނަ ސުވާލުތަކެއް ކުރައްވައިފިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، 99 އަހަރަށް ރިސޯޓު ދިނުމާއި، ފަލަސްތީނުގެ މައްސަލައާ ގުޅިގެން އިސްރާއީލާ މެދު ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.
99 އަހަރަށް ރިސޯޓު ދިނުމާއި ބޭރުގެ ރައްޔިތުން ވަޒަންވެރި ކުރުވުމުގެ ސުވާލު
ރައީސް ޔާމީން ކުރެއްވި ފުރަތަމަ ސުވާލަކީ، 99 އަހަރަށް ރިސޯޓެއް ދިނުމުގެ ބޭނުމަކީ ބޭރުގެ ރައްޔިތުން ގެނެސް ވަޒަންވެރި ކުރުވުންތޯއެވެ. އެ މަނިކުފާނު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ފާފުތޮޅުގައި ހިންގަން އުޅުނު ބޮޑު މަޝްރޫއެއްގައި ޔަހޫދީން ވަޒަންވެރި ކުރުވަން އުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލަ ފާހަގަކުރައްވައި، އެއިރުގެ އެއްވެސް މަސްދަރަކުން އެފަދަ ކަމެއް ފެންނަން އޮތްތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރުގެ މަޝްރޫއުތަކަށް ދިފާއުނުކުރެވުން
ތިންވަނަ ސުވާލެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ، ދައުލަތުން މިހާރު ހިންގާ މަޝްރޫއުތަކަށް ރައްޔިތުންގެ ސިކުނޑިއަށް ރަނގަޅުކަން ވިސްނައިދޭން ނުކެރިގެން އުޅެނީ ކީއްވެގެންތޯއެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރަށް މި މަޝްރޫއުތަކަށް ދިފާއުވާނެ ހަރުދަނާ ވާހަކައެއް ނުބުނެވޭ ކަމަށެވެ.
ޒުވާނުންގެ ޓްވީޓްތަކާއި މަޝްރޫއުގެ މާލީ ފައިދާ
ހަތަރުވަނަ ސުވާލެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ، ބައެއް ޒުވާނުން މި މަޝްރޫއަކީ ގައުމަށް ފައިދާހުރި މަޝްރޫއެއް ކަމަށް ޓްވީޓް ކުރަމުންދާ ނަމަވެސް، މިކަމުން ގައުމަށް ފައިދާވާނެ ގޮތެއް އެމީހުންނަށް ބުނެދޭން ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވީ، މިއީ ގާތްގަޑަކަށް ބިލިއަނެއްހާ ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ އަދަދެއްގެ މަޝްރޫއެއް ކަމަށާއި، 500 ހައުސިން ޔުނިޓް އަޅަނީ ވެސް ހުޅުމާލޭގައި ކަމަށެވެ. އެއީ ރައީސް މުއިއްޒު ބިން ހިއްކަވައިގެން ކުރެއްވި މަސައްކަތެއް ނޫން ކަމަށް ވިދާޅުވެ، އެތަނަށް ބައިބިލިއަން ޑޮލަރު ވެސް ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މަޖިލިސް މެންބަރުންނާ ބައްދަލުކުރީ ރިސްވަތުގެ ތަކެތި ހުށަހަޅަންތޯ ސުވާލުކުރައްވައި، މަޖިލީހުން މިކަމާ ސުވާލުނުކުރާކަން އެއީ ފެންނަން ހުރި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައާއި ސަރުކާރުގެ ސިޔާސަތު
ރައީސް ޔާމީން ވަނީ ފަލަސްތީނުގެ މައްސަލައަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއަދުގެ ތާރީޚުން ލިބޭ ފިލާވަޅަކީ، ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި އަރަބި އެހެން ދައުލަތްތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި، މެދުއިރުމަތީގައި ހުރިހާ ކަމެއް ފަހިކޮށްދެނީ ފައިސާއަށްޓަކައި އެއްޗެއް ނުފެންނަ ބަޔަކަށް ކަމަށެވެ.
އިސްލާމީ ދައުލަތެއްގައި ފަލަސްތީނުގެ މައްސަލައިގައި ރައީސް މުއިއްޒާއި އިސްލާމިކް މިނިސްޓަރު ވެސް ކީރިތި ކުރައްވާފައި ވާއިރު، މިހާރު އިސްރާއީލު މީހުންނާއެކު ގުޅުން ބަދަހިކުރުމަށް ވާހަކަ ދައްކަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ސުވާލުކުރެއްވީ، އިސްރާއީލުގެ މީހުންނަކީ ރަނގަޅު ބަޔެއްކަން އެނގޭނީ އެމީހުންނާ އެއްދާން ކުރުމުންތޯއެވެ.
ޢިލްމުވެރިންގެ ދައުރު
ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގައި ތިބި ޢިލްމުވެރިންގެ ދައުރާމެދު ސުވާލު އުފައްދަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިގު މުއްދަތަށް ރަށެއް ނުވަތަ ބިމެއް ދިނުމުން ދައުލަތުގެ އިސްތިޤްލާލްއަށް ގެއްލުންވާނެ ކަމަށް ބުނާއިރު، ޣައިރު މުސްލިމުންގެ ތެރެއިން ވެސް އިސްލާމުންނާ އިންތިހާއަށް ޢަދާވަތްތެރި ބަޔަކު ގައުމަށް އަންނައިރު، ޢިލްމުވެރިންގެ ބަހެއް ނެތި ހަނު ތިބީ ކީއްވެގެންތޯއެވެ. ފަޓާސް އެރުވުމާއި، ހެދުން ގަޑުފަދަ ކަންކަމާ ގުޅޭގޮތުން ދަރުސް ދިނުމަށް ޢިލްމުވެރިން ފަޓާސް އެރުވުމާއި، ހެދުން ގަޑުފަދަ ކަންކަމާ ގުޅޭގޮތުން ދަރުސް ދިނުމަށް ޢިލްމުވެރިން ފަސް ނުޖެހޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ބޮޑެތި ބިންތައް ނަގައިގެން ގައުމުގެ އިސްތިޤްލާލަށް އުނިކަން ލިބިދާނެ ކަންކަމާ ގުޅޭގޮތުން ދަރުސް ދޭން ޢިލްމުވެރިއަކު ނެތް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ މި ސުވާލުތަކަކީ މިހާރު ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކާ ގުޅިގެންނާއި، ދިވެހިރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކާ ގުޅިގެން އާއްމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތްކުރާ ކަންކަމެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އެއްވެސް ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ރަސްމާލެ މަޝްރޫއު އާއި ބެހޭގޮތުން ރަސްމާލެ މަޝްރޫއުއަށް އޮތީ ހަމައެކަނި ނަފުރަތުކަމަށް ވިދާޅުވެ އެ މަޝްރޫއު ހުއްޓާލުމަށް އީގަލް ހިލްސްއަށް ގޮވާލައްވާފައެވެ. ރައީސް ޔާމީންގެ އެކްސް ޕޯސްޓްގައިވެސް ވިދާޅުވެފައިވަނީ އީގަލް ހިލްސްއަކީ އާންމު ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ގޮތެއްފޮތެއް ނެތް މި ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ނުލަފާ ބައެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސައްތައިންސައްތަ އާބާދީއެއް އޮތް މި ގައުމުގައި ޔަހޫދީންގެ އާބާދީއެއް ގާއިމުކުރުމަކީ ނުބައިކަމާއި މުނާފިގުކަން ހާމަވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ސަރުކާރުން ރަސްމާލެ ދޫކޮށްލާފައިވަނީ، ލޭންޑް އިކުއިޒިޝަން ފީއެއް ނުވަތަ ބިމު ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާ ގޮތަށެވެ. މި މަޝްރޫޢުން ސަރުކާރަށް ލިބޭ މާލީ ފައިދާއަކީ، އެތަނުގައި ތަރައްޤީކުރާ އިމާރާތެއް ޑިވެލޮޕަރުން ފުރަތަމަ ފަހަރަށް ވިއްކާލާއިރު 10 ޕަސެންޓުގެ ފީއެކެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއަކާއި، އެތަނުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ލިބޭ ހަތަރު ޕަސެންޓުގެ ފީއެކެވެ.
ސަރުކާރުން ރަސްމާލެ ދޫކޮށްލާފައިވަނީ 99 އަހަރުގެ މުއްދަތަށް ކަމަށް ބުނެފައިވީ ނަމަވެސް، އެގްރީމެންޓުގެ ގޮތްގަނޑު ހަމަޖައްސާފައިވާ ގޮތުން، އެތަން ސަރުކާރުގެ މިލްކިއްޔާތުން މުޅިން ބީވެގެންދާނެ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހެނީ، ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ ފަރާތަކުން އެތަން ވިއްކާލުމުން، ނުވަތަ ހިބައިން ދިނުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެއެވެ.
މި މަޝްރޫޢަށް ސިޔާސީ ފަރާތްތަކާއި، އަދި ޢާންމުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި މަޝްރޫޢުއާއި 'އީގަލް ހިލްސް' ޕްރޮމޯޓުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށް ގެންދެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިލެކްޝަންސް ޗީފްއާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ދިއްލީގެ ބައެއް މެޓްރޯ ސްޓޭޝަންތައް ބަންދުކޮށްފި
12 ގަޑިއިރު ކުރިން

ވެރިއަކު ދިވެހީންގެ ބިމަކަށް ޢައްދާރުވުން! ބޮޑު އަނިޔާއެއް
21 ގަޑިއިރު ކުރިން

މޯލްޑިވްސް ފައިނޭންސް ފޯރަމް ނޮވެމްބަރު 14 ގައި ބޭއްވުމަށް ނިންމައިފި
ދުވަހެއް ކުރިން

މާތް الله ގެ ވާގިފުޅާއެކު ދިވެހި އުންމަތް ސަލާމަތްކުރާނަން: ޝައިޚް އިމްރާން
ދުވަހެއް ކުރިން


