logo

ރާއްޖޭގެ ސަރަޙައްދާއި ސިޔާދަތު ބެލެހެއްޓުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ކުރާ ކަމެއް: ސަރުކާރު

profile

އާމިނަތު ޝަޒްލާ - 14 އޮކްޓޯބަރު 2026 - 10:44

ދިވެހިރާއްޖޭގެ ސަރަޙައްދު އަމިއްލައަށް ބަލަހައްޓައި، ޤައުމުގެ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން އަބަދުވެސް ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންގެންދާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތަކީ ރާއްޖޭގެ މިނިވަންކަން އެމައްޗަށް ބަރޯސާވާ، އެއްވެސް ފަރާތަކަށް ބަދަލުނުކުރެވޭނޭ ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤެކެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަމަށާއި، މި ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ދިވެހިން ދެމިތިބިކަމަށް ތާރީޚު ހެކިދޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެ އޮތީ އިސްތިރާޖީގޮތުން ނުހަނު މުހިންމު ސަރަޙައްދެއްގައެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި ޢާންމު މުދާ އެއް ބައްރުން އަނެއް ބައްރަށް އުފުލުމުގައި ރާއްޖޭގެ ސަރަޙައްދުގައިވާ ކަނޑުއޮޅިތައް ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި މުޅި މި ސަރަޙައްދުގެ ހަމަޖެހުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ވެދެމުންދާ އަގުހުރި ޚިދުމަތެއްކަން ސަރުކާރުން ވަނީ ހަނދާންކޮށްދެއްވާފައެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ޙަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވައިލުމަކީ ޤައުމުގެ ސިޔާދަތަށް އުނިކަން އައިސް، ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ދުވަހަކުވެސް ދޫނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ބަޔާނުގައި ވަނީ ދެއްވާފައެވެ. މީގެއިތުރުން، އެފަދަ ގޮތަކަށް މޭރުންވާނެހެން ބޭރުގެ ނުފޫޒުތަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319