logo

ރާއްޖޭގެ ބިން ބޭރުބަޔަކަށް ދޭއިރު ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ: އެމްޑީޕީ

profile

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2026 - 07:00

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓަކުން ރައްޔިތުންގެ ނިންމުން ކަށަވަރުކުރުމެއް ނެތި، ދިވެހިރައްޔިތުންގެ ހައްގުގައި ބިދޭސީންނަށް ބިން މިލްކުކުރެވޭ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

https://wamco.com.mv/

ރަސްމާލޭގެ ބިން އީގަލް ހިލްސް އަށް ސަރުކާރުން ދިނުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އިން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ ބޭރުގެ އިންވެސްޓަރުންނަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިން ކަމަށެވެ. ނަމަވެސް އަބޫދާބީގެ ކުންފުންޏެއް ކަމުގައިވާ އީގަލް ހިލްސްއަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހައިތަނަށް އަމަލުކުރަމުންދާ ގޮތުން، އެމްޑީޕީ އިން ކަންބޮޑާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އީގަލް ހިލްސްއާއެކު ހެދި އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން ހާމަކުރަން އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ރަސްމާލޭގެ މުއާމަލާތާމެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރުމާއެކު، ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާކަމީ، ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއަށް އެހާމެބޮޑު ފައިދާއެއްވާން އޮތް ކަމެއްނަމަ، ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަނުކުރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް އަވަހަށް ހާމަކޮށްދިނުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުކުރެވޭނެ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކު ކުރެވޭ އެއްްވެސް ސިޔާސަތެއް އެކަށައެޅުމުގެ އިހްތިޔާރު ސަރުކާރަށް ނޯންނާނެ ކަމަށާއި އެ އިހްތިޔާރު ލިބިގެންވަނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319