
މަސްތުވާތަކެއްޗާއެކު ޅ. އަތޮޅުން ހައްޔަރުލުރި ތިންމީހުން، ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ޅ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 12:43
ޅ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ ދެ އޮޕަރޭޝަނެއްގައި، ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި ހިނގާ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 13 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޅ. ނައިފަރު، ސޯސަންވިލާ، އުމުރުން 35 އަހަރުގެ ޙަސަން ހުޝާމު އަދި އެ ރަށު ކަދުވަލުގެ، 32 އަހަރުގެ އާދަމް ނަޞީރުއެވެ.
ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ޅ. އޮޅުވެލިފުށީގައެވެ. އެ ރަށުގައިވެސް މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އޮޅުވެލިފުށި ޕޮލިހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ވަނީ ފެނިފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. އޮޅުވެލިފުށި، ޝެހެނާޒްގެ، އުމުރުން 28 އަހަރުގެ މުޙައްމަދު އަފްރާޙްއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނައިފަރުން ހައްޔަރުކުރި ޙަސަން ހުޝާމާއި އާދަމް ނަޞީރުގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ. އަދި އޮޅުވެލިފުށިން ހައްޔަރުކުރި މުޙައްމަދު އަފްރާޙްގެ ބަންދަށް ކޯޓުން ވަނީ އަށް ދުވަހުގެ މުއްދަތެއް ދީފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މަސްތުވާތަކެތީގެ ވަބާ ފެތުރުން ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން އަންނަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ޒުވާނުންގެ މެދުގައި މި ނުރައްކާތެރި ވަބާ އާންމުވިޔަ ނުދިނުމަށްޓަކައި، އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ފަހަކަށް އައިސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ކޮމިޝަންޑް ރޭންކުތަކަށް ދާ އޮފިސަރުންގެ ކިބައިން ޤާބިލު ލީޑަރޝިޕާއި ތަފާތު ފެންނަންޖެހޭ: ސީޕީ
10 ގަޑިއިރު ކުރިން

މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
10 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އައްޑޫގެ ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމުގެ ކޮންސަލްޓެންސީއަށް އަލުން ފުރުސަތު ހުޅުވާލައިފި
10 ގަޑިއިރު ކުރިން

"މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއް!
10 ގަޑިއިރު ކުރިން


