logo
ސައޫދީ ބޮޑުވަޒީރު، ޝާހީ އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސައޫދު، އަދި އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އަލް ޒައިދީ

ސައޫދީ ބޮޑުވަޒީރު، ޝާހީ އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސައޫދު، އަދި އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އަލް ޒައިދީ

ސައުދީ-އިރާގުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި

profile

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 12:30

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޝާހީ އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސައޫދު، އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އަލް ޒައިދީއާ ބައްދަލުކުރައްވައި، ސަރަހައްދީ މަސްލަހަތުތަކާއި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިރާގުގެ ބޮޑުވަޒީރު މިހާރު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ވިލަރެސްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ލީޑަރުންވެސް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އާންމުންނާއި މުހިންމު މަދަނީ ބިނާތަކަށް އަމާޒުކޮށް ދާދިފަހުން ދިން ނުރައްކާތެރި ހަމަލާތައް އިރާގު ސަރުކާރުގެ ނަމުގައި ބޮޑުވަޒީރު އަލް ޒައިދީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ފިނޑި އަމަލުތަކަކީ މުޅި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އަދި ސައުދީ އަރަބިއްޔާ އާއި ސަރަހައްދީ އެހެން އަވަށްޓެރި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް ހަމަލާއެއް ނުވަތަ އަސްކަރީ ހަރަކާތެއް ހިންގުމަށް އިރާގުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އިރާގުގެ ބޮޑުވަޒީރު ދެއްވިއެވެ. މިއީ އިރާގުން އަބަދުވެސް ގެންގުޅޭ ސާބިތު ނިންމުމެއްކަން ތަކުރާރުކުރައްވަމުން، އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ހަރުދަނާކޮށް، ސައުދީ އަރަބިއްޔާ ހިމެނޭހެން އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިހުތިރާމްކުރުމަށް އިރާގުން އަބަދުވެސް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން މުރާޖައާކޮށް، އިގްތިސާދީ، ވިޔަފާރި އަދި ހަކަތައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. މީގެ ތެރެއިންވެސް ހާއްސަ އިސްކަމެއް ދެވުނީ ސަރަހައްދީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ޖާސޫސީ އަދި ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މައްޗަށެވެ.

ސައުދީ އަރަބިއްޔާ އާއި އިރާގާ ދެމެދު އޮތް ސިޔާސީ އަދި ޑިޕްލޮމެޓިކް ގުޅުންތަކަކީ ވޭތުވެދިޔަ ދަހަރުތަކުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ގުޅުމެކެވެ. ހާއްސަކޮށް 1990 ވަނަ އަހަރު ސައްދާމް ހުސައިންގެ ވެރިކަމުގައި އިރާގުން ކުވައިތަށް އެރުމާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުން އެއްކޮށް ކެނޑިގެން ދިޔައެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އެމެރިކާ އިސްވެ އިރާގަށް ދިން ހަމަލާތަކަށްފަހު، އެ ގައުމުގައި އުފެދުނު ސަރުކާރުތަކާއި ސައުދީއާ ދެމެދު ދުރުމިނެއް އޮތެވެ.

ނަމަވެސް، ފަހަކަށް އައިސް، ވަކިން ހާއްސަކޮށް 2015 ވަނަ އަހަރު ސައުދީން އަލުން ބަޣުދާދުގައި އެމްބަސީ ހުޅުވި ފަހުން، ދެ ގައުމުގެ ގުޅުމަށް ވަނީ އާ ދިރުމެއް ލިބިފައެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމަށްޓަކައި 30 އަހަރަށް ފަހު އަރުއަރު ބޯޑަރު ހުޅުވައިލުމާއި، ސައުދީ-އިރާގު ކޯޑިނޭޝަން ކައުންސިލް އުފެއްދުން ހިމެނެއެވެ.

މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ފަހަކަށް އައިސް ނުތަނަވަސްވެފައިވާއިރު، އިރާގަކީ ސަރަހައްދީ ބާރުތަކުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ގުޅުން އަލުން ގާއިމުކުރުމަށް ބޭއްވުނު ސިއްރު މަޝްވަރާތަކުގެ ފުރަތަމަ ބުރުތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ބަޣުދާދުގައެވެ. މިފަދަ ހާލަތެއްގައި އިރާގުގެ ވެރިން ސައުދީއަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކަކީ މުޅި ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ލިބިގެންދާ މުހިންމު ބާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

https://wamco.com.mv/
tel:+9607331319