logo

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 14:57

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވަނަ ޓާމިނަލްގައި، ދަތުރުވެރިންގެ ހިތްހަމަޖެހުމަށާއި ލުއިފަސޭހަކަމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާއްސަ އައު ސަރަހައްދެއް މިއަދު ހުޅުވައިފިއެވެ.

https://wamco.com.mv/

މިއީ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ތަރައްގީއާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުންނަށް މަޑުކޮށްލުމަށްޓަކައި 750 އަކަމީޓަރުގެ ތަނަވަސް ޖާގައެއް ވަނީ އިތުރުކުރެވިފައެވެ. މި ސަރަހައްދު ފަރުމާކޮށްފައިވަނީ ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށް އެކަށޭނަ ތަފާތު ވައްތަރުގެ ފަރުނީޗަރާއި ގޮނޑިތައް ހިމަނައިގެންނެވެ.

މީގެ އިތުރުން، އާއިލާތަކަށާއި ކުޑަކުދިންނަށް ހާއްސަކޮށް 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް މި ޖާގައިގައި ވަނީ ގާއިމުކޮށްފައެވެ. ރައްކާތެރިކަމާއެކު ކުޑަކުދިންނަށް ކުޅެވޭނެހެން ފަރުމާކޮށްފައިވާ މި ސަރަހައްދުގައި އެކި ފެންވަރުގެ ޕްލޭ ފްލެޓްފޯމްތަކާއި، ހޮޅިތަކާއި، އަރާފޭބުމަށް ބޭނުންކުރާ ވާ އަދި ރިންގުގެ އިތުރުން ބޯޅަ ކުޅޭ ޕިޓެއް ވެސް ހިމެނެއެވެ.

ދަތުރުވެރިންނަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއް ވެސް މި ސަރަހައްދުގައި ވަނީ ގާއިމުކޮށްފައެވެ.

މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމާއި، ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk