logo

އަންނަ އަހަރުވެސް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދެނީ

profile

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 14:56

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

https://wamco.com.mv/

މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި، 2027 އިން 2029 އަށް ލަފާކުރާ ބަޖެޓުގެ ތަފްސީލުތައް ހިއްސާކުރުމަށް ވަނީ އަންގާފައެވެ. މި ތަފްސީލުތަކުގެ ތެރޭގައި ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން، ކައުންސިލްތަކަށް އަމިއްލައަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ކުރަންޖެހޭ ހަރަދުތަކުގެ މައުލޫމާތު ހިމެނުމަށްވެސް ވަނީ އެދިފައެވެ. ކައުންސިލްތަކުގެ ބަޖެޓު އެކުލެވިގެންވަނީ ބްލޮކް ގްރާންޓާއި، ކޮންޑިޝަނަލް ގްރާންޓާއި، ޓްރަސްޓް ފަންޑުގެ އިތުރުން ކައުންސިލަށް ލިބޭ އެހެނިހެން އާމްދަނީގެ މައްޗަށެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ 2.4 ބިލިއަން ރުފިޔާއަކީ މި ހިނގާ އަހަރަށްވެސް ކަނޑައެޅި އަދަދާ ދާދި އެއްވަރުގެ އަދަދެކެވެ.

މިގޮތަށް ނިންމާފައިވަނީ ދައުލަތުގެ އާމްދަނީ މި އަހަރާ އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭތީއެވެ. ނަމަވެސް، 2028 ވަނަ އަހަރު މި އަދަދު 2.6 ބިލިއަނަށް އަދި 2029 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

އަންނަ އަހަރު ދޫކުރާ ގްރާންޓުން ބަޖެޓު މަދުވާނެ ކަމަށް ބެލެވެނީ ހަމައެކަނި އައްޑޫ ސިޓީ ކައުންސިލަށެވެ. އެއީ އެ ސިޓީގެ އިދާރީ ދާއިރާގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކިވުމާ ގުޅިގެންނެވެ.

ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ މިންވަރު ކަނޑައަޅަނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައާއި، ރިސޯޓުތަކުގެ ބިމު ކުލިން ލިބޭ އާމްދަނީގެ 40 އިންސައްތަ ހިމެނޭ ފޯމިއުލާއަކުންނެވެ.

މި ގްރާންޓު ކައުންސިލްތަކަށް ބަހާލުމުގައި ރަށުގެ އާބާދީއާއި، ބޮޑުމިނާއި، މާލެއާ ހުރި ދުރުމިނުގެ އިތުރުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވައިލާ ފާފޯމަންސް ރިވިއުއަށް ރިއާޔަތްކުރެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު، އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސުން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ.

.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk