
ތިނަދޫ ސިޓީ ފެނަކަ ބްރާންޗުގެ ވަޒީފާއިން ވަކިކުރި 3 މުވައްޒަފުން
ތިނަދޫ ސިޓީ ފެނަކަ ބްރާންޗުގެ 3 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 19:25
ތިނަދޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ ތިން މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ.
މި ނިންމުމާ ގުޅިގެން ފެނަކައިން މުވައްޒަފުންނަށް ދީފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުވައްޒަފުން ވަކިކުރަން ނިންމާފައިވަނީ ކުންފުނީގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށާއި ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ރިޑަންޑަންސީ އުޞޫލުގެ ދަށުން ބައެއް މަޤާމުތައް އުވާލުމަށް ނިންމައި، މުވައްޒަފުން ވަޒީފާއިން ދޫކޮށްލީ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ސީނިއަރ އޮފިސަރ މުޙައްމަދު ޢަބްދުއްރަޝީދާއި، އޮފީސް އެސިސްޓެންޓް އާމިނަތު ފޭޒްލީންގެ އިތުރުން އެ ބްރާންޗުގައި ހީވާގިކަމާއެކު މަސައްކަތް ކުރަމުންދިޔަ އަލްމާސް ޒުހައިރު ކިޔާ މުވައްޒަފެކެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އެ ކުންފުންޏަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ އިސް މުވައްޒަފުންވެސް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ރިޑަންޑަންސީ އުޞޫލުގައިވާ ގޮތުގެ މަތިން 3 މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާ، ވަޒީފާއިން ވަކިކުރާތާ 14 ދުވަހުގެ ތެރޭގައި އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ އެކި ބްރާންޗުތަކުން މުވައްޒަފުން ދޫކުރުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ދަނީ ސިލްސިލާކޮށް ކުރަމުންނެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ފަރާތުން މި ނިންމުމާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އަލްމާސް ޒުހައިރާއި މުޙައްމަދު ޢަބްދުއްރަޝީދު ބުނީ އެ ކުންފުނީގައި ނުހަނު ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ތިނަދޫގެ ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތް ކުރަމުންދަނިކޮށް، ވެރިކަން ބަދަލުވުމާ ގުޅިގެން ޒިންމާތަކުން އެކަހެރިކުރި ކަމަށް ވަނީ ބުނެފައެވެ. އަލްމާސް ބުނެފައިވަނީ 17 އޮކްޓޫބަރު 2024 ގައި އޮފީހުން އިންޖީނުގެއަށް ބަދަލުކުރުމަށްފަހު، އެއްވެސް މަސައްކަތެއް ހަވާލުނުކޮށް، އިށީންނާނެ ގޮނޑިއެއް ނުވަތަ މޭޒެއްހާ މިންވަރުވެސް ނުދީ، ކުންފުނީގެ ސިސްޓަމްތަކާއި ސަރވަރ އެކްސެސް ކަނޑާލި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކެއް ކުރިމަތިވި ނަމަވެސް އެއްވެސް ޝަކުވާއެއް ނެތި ހުއްޓައި ވަޒީފާއިން ވަކިކުރީ ޕީއެންސީގެ ތިނަދޫ މެންބަރުން ބޭނުންނުވާތީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި ތިނަދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި، ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި އެކުގައި މަސައްކަތް ކުރި އެންމެހައި މުވައްޒަފުންނަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
މުޙައްމަދު ޢަބްދުއްރަޝީދު ބުނީ ވޭތުވެދިޔަ 15 އަހަރު ދުވަހު ފެނަކައަށް ޚިދުމަތްކުރީ މުޅި ވަގުތާއި، އިޚްލާޞްތެރިކަމާއި، ހިތާއި ރޫޙުން ކަމަށާއި، ވަޒީފާއިން ވަކިކުރުމާ ގުޅިގެން މިއަދު މި ދަތުރު ނިމުމަކަށް އައި ނަމަވެސް، އެ ހޭދަކުރި އަހަރުތަކާއި ކުރި މަސައްކަތްތަކަކީ ޙަޔާތުގައި އަބަދުވެސް މުހިންމު އަދި މާނަފުން ހަނދާންތަކެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ކުރި ބުރަ މަސައްކަތާއި، ސާބިތުކަމާއި، ކުންފުންޏަށް ދިން އިޚްލާޞްތެރިކަމުގެ މައްޗަށް ސިޔާސީ ނުފޫޒު އިސްކޮށް، ޚިދުމަތުގެ އަގު ވަނީ ވަޒަންނުކޮށް ދޫކޮށްލާފައި ކަމަށާއި، 15 އަހަރުގެ ދިގު ޚިދުމަތެއް މިފަދަ ގޮތަކަށް ނިމިގެން ދިއުމަކީ ހިތްދަތި ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް، ވަޒީފާއިން މި ވަކިވަނީ ކުރެވެން އޮތް އެންމެ ފުރިހަމަޔަށް، ތެދުވެރިކަމާއެކު މަސައްކަތް ކުރިކަމުގެ ފުރިހަމަ ހިތްހަމަޖެހުމާއެކުގައި ކަމަށާއި، މިކަމުގައި ހިތާމަކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



.jpg&w=3840&q=75)


