
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި

ރިޟްވާން މޫސާ - 15 މޭ 2026 - 18:05
ވ.އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރެވެ.
އެ މަޢުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ.
ރައީސުލްޖުމްހޫރިއްޔާ އެސަރަޙައްދަށް ވަޑައިގަތުމުން އެމްއެންޑީއެފްގެ ފަރާތުންވަނީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ރާވާލާފައިވާގޮތް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އަދި މިހާތަނަށް އިޓަލީ ރައްޔިތުން ހޯދުމަށް ކުރެވުނު މަސައްކަތްތައްވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެކި ޓީމުތަކަށް ބަހާލައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ރެސްކިއު ޓީމުންވަނީ 1 ޑައިވްކޮށްފައެވެ.
މިއޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވ.އަތޮޅުގައި އޮޕަރޭޝަން ކުރިއަށްދާ ސަރަޙައްދަށް ކުރެވި ދަތުރުފުޅުގައި، އަރިހުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ވަޒީރު މުޙައްމަދު އަމީންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ މިޙާދިސާގައި ގެއްލުނު މީހުންގެ ޢާއިލާތަކަށާއި އިޓަލީ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މިހާތަނަށް ފެނިފައިނުވާ 4 މީހުން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ދިވެހި ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑިއާގެ އާ އެޑިއުކޭޝަން މިނިސްޓަރަކަށް ޕްރަލްހާދު ޖޯޝީ ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ: ރައީސް
10 ގަޑިއިރު ކުރިން

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދެއްވައިފި
11 ގަޑިއިރު ކުރިން

ރައީސް، ސައުދީގެ އަމީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
11 ގަޑިއިރު ކުރިން


.gif&w=3840&q=75)