
މަސައްކަތްތެރިން ބިނާކުރަން އެދެވޭ މަސައްކަތެއް ކުރެވޭބާ؟

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 11:22
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާޙަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 01 ވަނަ ދުވަހުއެވެ.
މަސައްކަތްތެރިންގެ ދުވަހެއްގެ ވާހަކަ ހަރުއަޑުން ދައްކާއިރު މަސައްކަތުގެ މައިދާނުގައި މަސައްކަތްކުރަންތިބި ފަރާތްތަކުން ކުރާ މަސައްކަތް ދެމެހެއްޓޭތޯ ނުވަތަ ނޫންތޯ މިއީ ވިސްނާލުން މުހިއްމު ކަމެކެވެ.
ގައުމުތައް ކުރިއަރައިދަނީ އެގައުމެއްގައި ދިރިއުޅޭ ރައްޔިތުން ފުދުންތެރިވެ އެ ރައްޔިތުންގެ ކިބައިން ގައުމަށް އެދެވޭ ނަފާ އާއި މަންފާ ލިބިގެންނެވެ. އަދި އެކަމުގައި ސަރުކާރުގެ އިސް ދައުރެއް އަދާ ކުރެއެވެ.
މިއަދު ދިވެހިރާއްޖެއަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދަނީ މަސައްކަތުގެ މާހައުލު ހީނަރުވަމުންދާ ހިތްދަތި މަންޒަރެވެ.
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރާ ވާހަކަ އަޅުގަނޑުމެން ދައްކަމުންދާއިރު މަސައްކަތް ތެރިން އުފައްދައި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރަން އެދެވޭ މަސައްކަތްތަކެއް ކުރީ ކިތައް ސަރުކާރުންތޯ މިއީ މިއަދު ކޮށްލުން ރަނގަޅު ސުވާލެކެވެ.
މަސައްކަތްތެރިންގެ ދާއިރާތަކަށް ވަކިވަކިން ނަޒަރު ހިންގާލާއިރު ފެންނަން އޮތް ހަގީގަތަކީ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ދިވެހިންގެ އަދަދު މަދުކަމެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިމާރާތްކުރުމާއި، ފަތުރުވެރިކަމާއި، ތައުލީމާއި، ސިއްހަތު ފަދަ މުހިއްމު ދާއިރާތަކުގައި ފެންނަނީ ދޭސީންނަށްވުރެ ބިދޭސީން ގިނަވެފައިވާ މަންޒަރެވެ.
މިކަން މިހެން ދިމާވާ ސަބަބު ދެނެގަންނަން ޖެހެއެވެ.
ސަރުކާރުތަކުން އެކި ދާއިރާތަކުގައި ކިޔަވައިގެން ތިބި މުހިއްމު މަސައްކަތްތެރިންނަށް ސަރުކާރުގެ ވަޒީފާތައް ދިނުމުގެ ސަބަބުން ދާއިރާތަކަށް ހީނަރުކަން ލިބި މިއަދު އެ ދާއިރާތައް ފޫބައްދާނެ ފަންނުވެރިން ހޯދުމަށް މިވަނީ ދަތިކަމަކަށްވެފައެވެ.
ޒިންމާދާރު މޮޅުތި ހީވާގި އަދި ހުނަރުވެރި ޒުވާނުންނާއި ހަރު ފުރައިގެ މީހުން މަސައްކަތުގެ ދާއިރާގައި ހީވާގި ކަމާއެކު ކުރަމުންދާ މަސައްކަތުން އެކަހެރިވެ އިދާރީ މޭޒެއްގެ ދޮށުގައި ނޫނީ ސިޔާސީ މަގާމެއްގައި ހުރެގެން ގައުމަށް ހިދުމަތްކޮށްދޭ އިރު ހިދުމަތް ލިބިގަންނަ ރައްޔިތު މީހާ މިވަނީ މޮޅިން މޮޅިސާލު ލައިގެންނެވެ.
މޮޅު ޑޮކްޓަރުންނާއި ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އިންޖިނިއަރުންނާއި ފާމަސިސްޓުންނާއި ޕައިލެޓުން ފަދަ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރުމުގެ ނަތީޖާއަކީ އެމީހާކު ހާއްސަވި ދާއިރާގައި އޭނާގެ ހުނަރު ދައްކަން ފުރުސަތު ނުލިބުމެވެ.
މިކަމުގެ ސަބަބުން ހުނަރުވެރިކަން ލިބިގެން ތިބި ފަރާތްތަކުގެ ހުނަރުތައް ގެއްލި ވިއްސި ވިހާލިވެގެން ހިނގައްޖެއެވެ،
ތަރައްގީވެ ކުރިއަރައިގެން ގޮސްފައިވާ ގައުމުތަކުން މިސާލު ނަގާއިރު އެގައުމު ތަކުގެ މާލީ ހާލަތު ރަނގަޅުވެ އިގްތިސާދުގައި ބުންވަރު ޖެހުނު ސަބަބުތައް ދިރާސާކޮށްލުމަކީ މިއަދު ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ.
ސިންގަޕޫރާއި ދުބާއީ އާއި ޗައިނާ ފަދަ ގައުމުތައް ކުރިއަރައިގެން ގޮސްފައިވަނީ އެގައުމުގެ މަސައްކަތްތެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްތެރިންގެ ގޮތުގައި ދާއިރާތައް ކުރިއަރުވަން ފުރުސަތުދީ އެކަމަށް އިޖާބަ ދީގެންނެވެ.
ދިވެހިރާއްޖޭގައިވެސް މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރަން ތިބި ދިވެހިން އެމީހުން އަމިއްލައަށް ނުކުރި މަސައްކަތެއް ކުރާނެ އިތުރު ބައެއް ނާންނާނެއެވެ.
މިިއަދު ރާއްޖޭގައި ވިޔަފާރިތަކަށް ލޯނު ދޫކުރި ނަމަވެސް އެލޯނު ނަގައިގެން ތަރައްގީ ކުރާނެ ވިޔަފާރިއެއް އަދި ކުރާނެ މަސައްކަތެއް ނެތުމަކީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.
ލޯނު ނަގައިގެން ކުރާނެ އިންވެސްޓްމެންޓެއް ނެތުމަކީ މިއަދު ކުރިމަތިވި މައްސަލައެއް ނޫނެވެ. ޒަމާންތަކެއް ވަންދެން ދިވެހި ރާއްޖޭގައި އިހުގައި ކޮށްއުޅުނު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނބުރުވެރިކަމާއި ތިލޭރު ކަމާއި ގެދޮރު އިމާރާތް ކުރުމާއި ވަޑާން ކުރުމާއި ހިރިގަލުގެ ވަޑާން ކުރުން ފަދަ ނެތެމުންދާ މަސައްކަތްތައް އެއްޖީލުން އަނެއް ޖީލަށް ވާސިލްކޮށްދެވުނު ނަމަ މިއަދު މިގައުމު އޮންނާނެ ހިސާބު ތަސައްވުރު ކޮށްލައްވާށެވެ.
ހިތާމަ އަކީ މިއަދު ރުކަކުން ކުރުނބަލެއް އަޅަންވިޔަސް ފާރެއްގައި ސިމެންތި ކޮޅެއް ޖަހާލަން ވިޔަސް ހޯދަން ޖެހެނީ ބިދޭސީ އެކެވެ.
މިއަދު ޒަމާން ބަދަލުވުގެން ގޮސް ދުނިޔެ މިވަނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައެވެ.
އާޓިފިޝަލް އިންޓަރލިޖެންސް ގެ މިޒަމާނުގައިވެސް ބަދަލު ނުކުރެވުނު ހަގީގަތަކީ މަސައްކަތުގެ ދާއިރާގައި އިންސާނުންގެ ބަދަލުގައި ރޮބަޓުން ބޭނުން ނުކުރެވުމެވެ.
އިންސާނުން ކުރާ ގަދަ ފަދަ ބުރަ މަސައްކަތް ކުރާނެ އީޖާދެއް އަދި މިހާތަނަށް ހަމަ އިންސާނުންނަށް އުފެއްދިފައެއް ނުވެއެވެ.
މިއަދު މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ފަރުމާކުރެވިފައިވީ ނަމަވެސް މަސައްކަތް ދަސްކޮށްދީ އުވެމުންދާ ފަންނުތަކުގެ މަސައްކަތް ކިޔައިދޭނެ އޭއައި ބޮޓެއްވެސް ހަމަ ޔަގީނުންވެސް ހޯދިފައެއް އަދި ނެތެވެ. އެހެންކަމުން މިކަމަށް އޮތީ ހަމަ އެންމެ ހައްލެކެވެ. މަސައްކަތް ދަންނަ މީހުން މަސައްކަތް އެހެން މީހުންނަށް އުގަންނައިދީ އެކަމަށް އަހުލުވެރިކޮށް އަމަލީ މައިދާނަށް އެމީހުން ނެރުމެވެ.
ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ކިއްސަރު ވަޑާމާއި ތެދު އުއި ވަޑާން މިއަދު ކުރަނީ ބޭރު މީހުންނެވެ. އޮޑި ދޯނި ފަހަރު ބަނުމާއި ނަގިލި ހެދުމާއި ރަނާއި ރިހި ހެދުމާއި ހިރިގަލުގަލުގެ ވަޑާމާއި ލިޔެލާ ޖެހުމާއި އަތްތެރި މަސައްކަތްތަަކަކީ ކާބަފައިންގެ ދުވަސްވަރުން ފެށިގެން ކުރަމުން އައި ދިވެހިވަންތަ ސަގާފަތް ރަމްޒުކޮށްދޭ އަގުހުރި ކަވި މަސައްކަތްތަކެވެ.
ފެހުމާއި ރޯނު ވެށުމާއި ކުނާ ވިޔުމާއި ފަންގި ވިނުން ފަދަ ކަންކަން ވެސް ގިންތި ކުރެވެނީ މަސައްކަތުގެ ތެރޭގައެވެ. މިފަދަ ކަންކަންވެސް މަޑުމަޑުން މުޖުތަމައު އިން ނެތިގެންދަނީ އެ މަސައްކަތްތައް އެކަށީގެންވާ މިންވަރަކަށް އުގަންނައި ދެވިފައިނުވާތީއެވެ.
މިއަދު ދިވެހިން ކޮށްއުޅުނު މަސައްކަތްތަކުގެ ބައެއް ތަފްސީލް ފޮތްތަކުން ފެންނަން އޮތް ނަމަވެސް އަމަލީ މައިދާނުން އެކަންތައް ކުރާނެ އަތްތަކެއް ނެތެވެ. މި ހިތްވަރާއި ޖޯޝާއި ފޯރި ގެނެވިގެން މެނުވީ ދިވެހިރާއްޖެ ކުރިއަރައި ދިއުމަކީ ފަހަރުގައި ނާދިރު ކަމަކަށް ވެދާނެއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާޙަގަކުރަމުންދާ މި މަހުގައި މަސައްކަތްތެރިންގެ މަސައްކަތް ދިރުވައި އާލާކުރުމާއި މެދު ފުންކޮށް ވިސްނާލުމަކީ ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ. މިކަމާއި މެދު ނުވިސްނައިފިނަމަ މާދަމާ މި މުޖުތަމައިން ފެނިގެންދާނީ ހިތްދަތިކަމާއި މާޔޫސް ކަމެވެ.
މިއަދު އެންމެންވެސް މަސްއޫލުވެ މިއުޅޭ ސިޔާސީ މަސައްކަތުން ހިނދުކޮޅަކަށްވެސް އެއްކިބާވެ، ގައުމީ ފިކުރުގައި ގައުމު އިސްކޮށް ގައުމީ ރޫޙުގައި މިކަމާއި މެދު ފުން ނަޒަރަކުން ވިސްނާލުން ކީއްތޯ؟
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިއްޖެ
2 ގަޑިއިރު ކުރިން

ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވޭ: ހުކުރު ހުތުބާ
2 ގަޑިއިރު ކުރިން

އަލަށް ގާއިމްކުރެވޭ 39 ހޮސްޕިޓަލްގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްތު މިނިސްޓަރ ގީލާ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)