ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަށް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވެއްޖެ
އަހުމަދު ޔައީޝް - 10 ޑިސެމްބަރު 2022 - 04:29
null
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ ކަމަށް ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއުވާން މިހެން ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގާ، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމާއި ގުޅިގން ނޫސްވެރިޔަކު ކުރެއްވި ސުވާލަކާއި ގުޅިގެން ދެއްވި ނުސީދާ ޖަވާބެއްގައެވެ.
މިކަމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހޮމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގައި ހުންނެވި އަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވަނީ ރައީސް އޮފީހުގެ ވަކި ބޭފުޅަކަށް ނިސްބަތްކޮށް ކަމަށްވާނަމަ އެއީ ތެދަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް، ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންގެ ސުލޫކީ ބިސްމަޅި ނުޖައްސާ ކަމަކަށް ނުވާނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު ޝަރުޢީ ދާއިރާއަށް އަދިވެސް ނުލިބޭ ކަމަށް މެމްބަރު އަލީ ވިދާޅުވިއެވެ.
ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންގެ ސުލޫކީ ބިސްމަޅި ނުޖައްސާ ކަމަކަށް ނުވާނެ. ރައްޔިތުންގެ އިތުބާރު ޝަރުޢީ ދާއިރާއަށް އަދިވެސް ނުލިބޭ.
މެމްބަރު އަލީ މިހެން ވިދާޅުވިއިރު، އެމަނިކުފާނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރިޔަށް ދިޔަ ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ޤާނޫނީ ވަކީލުކަމުގެ ހުވާ ވެސް ކުރައްވައިގެން ހުންނެވި މެމްބަރު އަލީ އަކީ ސިޔާސީ މައިދާނާއި އިޖުތިމާއީ މައިދާނުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން
ބްރިޖުގައި އެކްސިޑެންޓެއް ހިނގާ ވިޔަފާރިވެރިޔަކު ނިޔާވެއްޖެ
2 އަހަރު ކުރިން