އެސްޕަނިޔޯލްވެސް ބަލިކޮށް ބާސެލޯނާ 9 ޕޮއިންޓްގެ ލީޑެއްގައި
ހަފްސީ އަބްދުﷲ - 04 ނޮވެމްބަރު 2024 - 05:39
ލަނޑު ޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ
ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައިގައި ބާސެލޯނާ އިން 9 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ. ލީޑް 9 ޕޮއިންޓަށް ފުޅާކުރީ ސަރަހައްދުގެ ވާދަވެރި އެސްޕަނިޔޯލް 3-1 ން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކުއެވެ.
އަމިއްލަ ދަނޑުގައި ބާސެލޯނާ މޮޅުވި މެޗުގައި ޑެނީ އޮލްމޯ ދެލަނޑު ޖެހިއެވެ. އޮލްމޯ ބާސާއަށް ލީޑް ނަގައިދިނީ ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައި 12 ވަނަ މިނިޓްގައެވެ. ބާސެލޯނާގެ ދެވަނަ ލަނޑު 23 ވަނަ މިނިޓްގައި ރަފީނިއާ ކާމިޔާބުކޮށްދިނީ މާކް ކަސާޑޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޮލްމޯ ބާސާގެ ތިންވަނަ ލަނޑު ޖެހީ ބާލްޑޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައި 31 ވަނަ މިނިތްގައެވެ. އެސްޕަނިޔޯލްފެ ހަމައެކަނި ލަނޑު ބާސެލޯނާއިން ތިން ލަނޑު ޖެހި ފަހުން ދެވަނަ ހާފްގައި ޖެހީ ހާވީ ޕައޫޑޯ އެވެ. އޭގެކުރިން އެސްޕަނިޔޯލްއިން އިތުރު ލަނޑެއް ޖެހިނަމަވެސް ވިއޭއާރުން ބަލައި ނުގަތެވެ.
މޮޅާއެކު ބާސެލޯނާ ލީގު ތާވަލްގެ އެއްވަނައިގައި އޮތީ 12 މެޗުން 33 ޕޮއިންޓާއެކުއެވެ. ވަދަވެރި ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާއެކުއެވެ. އާ ކޯޗު ހަންސީ ފްލިކްއާއެކު ބާސާއިން ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން ވަނީ މޮޅުވެފައެވެ. ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް އެންމެ ފަހުން ކުޅުނު ހަ މެޗުން މޮލުވިއިރު 24 ގޯލް ވަނީ ޖަހާފައެވެ.