ބާސެލޯނާ ސުޕަރ ކަޕް ފައިނަލަށް
ހަފްސީ އަބްދުﷲ - 09 ޖެނުއަރީ 2025 - 01:01
ގަވީ ލީޑް ނެގުމުން ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ
ސްޕެނިޝް ސުޕަރ ކަޕް ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. ބާސެލޯނާ ފައިނަލުގެ ޖާގަ ހޯދީ ޖިއްދާގައި ކުޅުނު ސެމީފައިނަލްގައި 2-0 ން އެތްލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ.
ސެމީފައިނަލް މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާ އަށް ލީޑް ނަގައިދިނީ ގަވީ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި ޖެހީ ޔަމާލް އެވެ. ޔަމާލް ކުޅުމުގެ ތެރެއަށް މިއައީ އަނިޔާއަށްފަހު އެވެ. ރޭގެ މެޗުގެ ކުރިން ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެމެޗުގައިވެސް އޭނާ ނުކުޅެއެވެ. މެޗުގައި އިތުރު ލަނޑު ޖަހަން ރަފީނިޔާއާއި ޕެޑްރީއަށްވެސް ފުރުޞަތު ލިބުނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ބާސެލޯނާ އެވެ. ބާސެލޯނާ ވަނީ މިމުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ ޓީމުން ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި, ފައިނަލް އޭނާގެ ޓީމަށް ހައްގު ކަމަށެވެ. ކޮޅަށް ގޯލަށް ނުވަދެ މެޗު ނިންމާލެވުމަކީވެސް ހިތްހަމަ ޖެހުމެއްކަމަށް ފްލިކް މެޗަށްފަހު ބުންޏެވެ.
ފައިނަލްގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ނުވަތަ މަޔޯކާއާއެވެ. އެދެޓީމް ވާދަކުރާ ސެމީފައިނަލް މެޗު މިރޭ ކުޅޭނެއެވެ.