
ރެއާލް ބެޓިސްއިން ނަތީޖާ ހަމަހަމަ ކުރުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް ބެޓިސް
ރެއާލް ބެޓިސް އިން މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާ ހިފަހައްޓައިފި

ހަފްސީ އަބްދުﷲ - 07 ޑިސެމްބަރު 2024 - 18:07
ރެއާލް ބެޓިސް އިން މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ. 2-1 ން ބާސެލޯނާ މޮޅުވާންދިޔަ މެޗު އެއްވަރުވީ އިތުރު ވަގުތުގެވެސް 4 ވަނަ މިނިޓްގައި ރެއާލް ބެޓިސް އިން ޖެހި ލަނޑުންނެވެ.
ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 39 ވަނަ މިނިޓްގައި ލީޑް ނެގީ ބާސެލޯނާ އިންނެވެ. ކޫންޑޭ ތަނަވަސްކޮށްދިން ފުރުޞަތުން ލަނޑު ޖެހީ ޕޮލެންޑް ފޯވާޑް ލެވަންޑޯސްކީއެވެ. މިއީ މިސީޒަންގެ ލީގުގައި ލެވަންޑޮސްކީގެ 16 ވަނަ ގޯލެވެ. ދެވަނަ ހާފްގެ ކުރީ ކޮޅު ރެއާލް ބެޓިސްއިން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. 82 ވަނަ މިނިޓްގައި ބާސެލޯނާއިން ދެވަނަ ފަހަރަށް ލީޑް ނެގުމުން މެޗުން ބާސާ މޮޅުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތުން ފެރަން ޓޮރޭޒް ހޯދައިދިން ލީޑް މެޗުގެ އިތުރު ވަގުތުގައި ގެއްލި މެޗު އެއްވަރުވިއެވެ. ރެއާލް ބެޓިސް އަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލަކަށް ނިކުއިން އައްސާން ޑިއާއޯ އެވެ.
މިމެޗަކީ މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެލެގްރިނީ ލަލީގާގައި އިރުޝާދު ދިން 500 ވަނަ މެޗެވެ. ބާސެލޯނާ އަތުން ހޯދި ޕޮއިންޓާއެކު އޭނާގެ 500 ވަނަ މެޗުގެ ނަތީޖާއަކީ ހިތްހަމަ ޖެހޭ ނަތީޖާއެކެވެ.
ލީގު ތާވަލްގެ އެއްވަނައިގަ ބާސެލޯނާ އޮތީ ދެވަނައިގަ އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް ދެ މެޗު ކުޅެގެން 38 ޕޮއިންޓާއެކުއެވެ. ރެއާލްއާއި ބާސެލޯނާގެ ފަރަގަކީ ފަސް ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާއިރު އެއްވަނަ ހޯދުމުގެ ފުރުޞަތު އަނެއްކާވެސް ރެއާލް އަށް ވަނީ ތަނަވަސްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާސެލޯނާ ސުޕަރ ކަޕް ފައިނަލަށް
އަހަރެއް ކުރިން

ޕެނަލްޓީ ބޭކާރު ވިޔަސް, އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހައިގެން ރެއާލް މެޑްރިޑް އެކަކަށް
އަހަރެއް ކުރިން

ސެވިއްޔާ ބަލިކޮށް, ރެއާލް އިން އެއްވަނައާ ޕޮއިންޓަކަށް ގާތަށް
އަހަރެއް ކުރިން

ރެއާލް މެޑްރިޑަށް ފުރުޞަތުގެ ބޭނުމެއް ނުކުރެވުން, މެޗު އެއްވަރު
އަހަރެއް ކުރިން


