
ގާނޫނާ ޚިލާފުވެއްޖެނަމަ ޕާޓީތައް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނު އިސްލާހުކުރަނީ

އައިޝަތު އިނާޝާ - 30 އޮކްޓޯބަރު 2024 - 07:12
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެއްޖެނަމަ، އެ އަމަލެއް ހިންގި ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އިސްލާހު ހުށަހަޅާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށެވެ.
މި އިސްލާހުގައިވާ ގޮތުން، ބިލު ހުށަހެޅުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހު ކުރުމަށާއި، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާ ކުރުމެވެ.
އިސްލާހުގައިވާ ގޮތުން ގާނޫނާ ހިލާފުވާ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަށް ޖޫރިމަނާ ކުރެވޭނެއެވެ. އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 މާއްދާ މިހާރު އޮތް ގޮތުން ގާނޫނާ ހިލާފަށް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހެދުމަށް ނަން ހުށަހަޅައިފިނަމަ އެ އަމަލު ހިންގި ފަރާތެއް 5,000 ރުފިޔާ އާއި 10,000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
މި އިސްލާހުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުވެސް ބަދަލުކުރަން ހުށަހަޅާފައި ވެއެވެ.
އެގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާކަން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކުންނެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއެއްގައި ވާދަކުރުމަށްފަހު ނާކާމިޔާބުވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލުންވެސް އިސްލާހުގައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް
11 މިނިޓު ކުރިން

ޕޮލިޓެކްނިކްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި
13 މިނިޓު ކުރިން

އެކްސަސައިޒް އެކުވެރިން ނިންމާލައިފި
24 މިނިޓު ކުރިން

ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް މަޖިލީހުގެ ރައީސްގެ ޝުކުރު
2 ގަޑިއިރު ކުރިން


