logo

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފޯމް!

profile

އާމިނަތު ޝަޒްލާ - 14 ސެޕްޓެމްބަރު 2026 - 13:17

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވިއިރު، 800 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

https://wamco.com.mv/

މި މަހުގެ 10 ވަނަ ދުވަހު މުއްދަތު ހަމަވި މި މައުރަޒާ ގުޅޭގޮތުން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވީ، މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި 8 ދާއިރާއިން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާއިން ކަމަށާއި، މިހާރު ކުރިއަށްދަނީ ތަފާތު އެކި ޑިސްޓްރިކްޓްތަކަށާއި މާކެޓް ޕްލޭސްގެ ޑިސްޓްރިކްޓްތައް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އަރީޝާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ، މައުރަޒުގެ ހުރިހާ ބައެއް ހިމެނޭހެން ޖުމްލަ 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު 5 ޑިސްޓްރިކްޓެއް ހިމެނުނު ނަމަވެސް، މިފަހަރު 7 ޑިސްޓްރިކްޓް ހިމެނޭނެ ކަމަށް އީމާން ވިދާޅުވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްޞަ ޑިސްޓްރިކްޓާއެކު، ދިވެހި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމުކުރެވި، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރެވޭނެ ގޮތްތައް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތައް އެއްތަނަކުން ދައްކާލައި، އެ ތަކެތި މާކެޓު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އުމުރުފުރާ ހަމަޖެއްސުމެވެ. މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

https://wamco.com.mv/
tel:+9607331319