logo

މެމްބަރުން އިތުރުވުމަކީ ސަރުކާރުގެ ޕްލެޖްތައް ފުއްދަވަމުންދާ މިންވަރު ދޭހަކޮށްދޭ ކަމެއް: ޝުޖާއު

profile

އައިމިނަތު ރޫޔާ - 09 ނޮވެމްބަރު 2024 - 18:00

ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު---

ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު---

ޕާޓީއަށް ތާއިދުކުރާ މެމްބަރުން އިތުރުވުމަކީ ސަރުކާރުގެ ޕްލެޖްތައް ފުއްދަވަމުންދާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް ޕީއެންސީ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ހާއްސަ ހަރަކާތެއް މިއަދު ހެނދުނު 10:30ގައި ވަނީ ފަށާފައެވެ.ޕީއެންސީ ހަރުގެއިން މި ހަރަކާތް ފެށިއިރު، މި ހަރަކާތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެކަމަށް އެ ޕާޓީއިން ބުންޏެވެ. އެކަމާއި ގުޅިގެން މައުލޫމާތު ހިއްސާކުރައްވަމުން މެމްބަރު ޝުޖާއު ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 7 ސަރަހައްދެއްގައި ޕާޓީ މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކޮންމެ ހަފުތާ ބަންދެއްގައި ކުރެވޭ މަސައްކަތުގައި ޕާޓީއަށް އަންނަނީ މެމްބަރުން އިތުރުވަމުންކަމަށާއި މިކަމުން ދަލީލުކޮށްދެނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ކަނޑައަޅައި ޓާގެޓްތަކަށް ހާސިލްވަމުންދާކަން ކަމަށެވެ.

ޕާޓީއަށް ތާއިދުކުރާ މެމްބަރުން އިތުރުވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޑެލިވަރީ ސްޕީޑް ރަނގަޅުވުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅުން އަބަދުވެސް ތަފާތު ވާހަކަތައް ދައްކާނެ ކަމަށާއި ޕީއެންސީއަކީ އެމްޑީޕީއާއި ދެކޮޅު ފިކުރުގެ ފިކުރިއްޔާތެއް ކަމަށެވެ.

"އެމްޑީޕީއިން އަންދާޒާކުރީ މިދިޔަ މާރިޗު މަހުގައި ގައުމު ޑިފޯލްޓްވާނެކަމަށް. އެހެންނަމަވެސް އެ ޓާގެޓަށް ދިޔައިރު، އިތުރަށް އިގުތިސާދުގެ ތެރެއަށް ފައިސާ ޗާޕުކޮށްގެން ނުނެރެ، އިގްތިސާދު ހަމަ މަގަށް އަލުވައިގެން، ރައްޔިތުންނަށް ކާބޯތަކެތި އަތްފޯރާ ފަށަށް ގެނެސްދީގެން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަން ލިބުނުއިރު ގައުމުގެ ހާލަތު އޮތްގޮތާއި 2023 ވަނަ އަހަރު ވެރިކަން ލިބުނުއިރު ގައުމުގެ ހާލަތު އޮތްގޮތް ތަފާތު ކަމަށެވެ. ޝުޖާއު ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ލިބުނުއިރު ގައުމުގެ ރޭޓިންއާއި، ބޭރު ގައުމުތަކުން ދޭ ލޯނާއި އެއްޗެހި ހޯދަން ވަރަށް ފަސޭހަ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވާހަކަ މަދުކޮށްފަ އަމަލުން އަޅުގަނޑުމެންގެ ގައުމުގައި ތިއްބެވި ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑުމެން އެކަނިކަން މި ގައުމާ ދޭތެރޭގައި ރަނގަޅު ތަސައްވަރެއް ގެންގުޅެނީ. އަމަލުން ދިވެހިންނަށް ދައްކާނަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ ވަރަށް އުޖާލާ ދުވަސްތަކެއް ކަމަށާއި 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ރައީސްގެ މެނިފެސްޓޯގައި ހުރި ގިނަ މަޝްރޫއުތަކެއް އެބަހުރިކަމަށެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަކީ ޕީއެންސީގެ މިހަރަކާތުގެ އަމާޒެކެވެ.


https://wamco.com.mv/
tel:+9607331319