ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސް އިތުރު ދައުރަކަށް ސޮއިކުރައްވައިފިއެވެ.
މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ އަދި މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ތަލްހަތު ހަސަން މަގާމުގެ އަހުދުގައި ސޮއިކުރެއްވީ މިއަދު މަޖިލީހުގައި ބޭއްވި ހަފްލާއެއްގައެވެ.
ރައްޔިތުންގެ މިޖިލީހުން ސޯޝަލް މީޑިއާގައި ތިން ބޭފުޅުން މަގާމުގެ އަހުދުގެ ލިޔުމުގައި ސޮއިކުރަން ބޭއްވި ހަފްލާގެ ޕޮޓޯތައް ހިއްސާކޮށްފައެވެ. ތިން ބޭފުޅުންނަށް މަގާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ ތިން ބޭފުޅުން މަގާމުގެ އިތުރު ދައުރެއްގައި ބެހެއްޓުމަށް މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ. އެގޮތުން، މަޖިލީހުން ވަނީ އަމީންއާންމުގެ މަޤާމުގައި މިހާރުވެސް ހުންނެވި ފާތިމަތު ނިއުޝާ އެ މަޤާމަށް އައްޔަންކުރުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އަދި ކައުންސެލް ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވި ފާތިމަތު ފިލްޒާވެސް އެ މަޤާމަށް އަލުން އައްޔަންކުރުމަށް ފާސްކޮށްފައިވާއިރު ސާޖަންޓް އެޓް އަރމްސް ކަމަށް އެމަޤާމުގައިވެސް ކުރިން ހުންނެވި މޭޖަރ (ރޓޑ) ޠަލްހަތު ހަސަން ވަނީ އައްޔަން ކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ޤަވައިދު ބުނާ ގޮތުން އަލަށް އެކުލަވާލާ ކޮންމެ މަޖިލިހެއް އިންތިހާބުވެ މަސައްކަތް ފެށުމަށްފަހު، ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އަރމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
ހަމަމިއާއެކު، ގަވައިދަށް އަމަލު ކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލިހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ހިނގަމުންދާ މަޖިލިހުގައި އެ ތިން މަގާމަށް ބޭފުޅުން އައްޔަން ކުރަންވާނެކަމަށްވެސް ގަވައިދުގައިވެއެވެ.
އަމީން އާންމާއި، ކައުންސެލް ޖެނެރަލާއި، ސާޖެންޓް އެޓް އަރމްސްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސަށްފަހު، މަޖިލީހުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ އަމީން އާންމެވެ. ކައުންސިލް ޖެނެރަލްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.