logo

އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކުރަން ބިލެއް

profile

ޝުރުފާ މުހައްމަދު - 02 ޑިސެމްބަރު 2024 - 13:45

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

އެޓަރނީ ޖެނެރަލްގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް، އެއީ ވަކި އިދާރާއެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް އާ ގާނޫނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވި ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މި ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވާފައެވެ.

މި ބިލު ހުށަހެޅުއްވުމުގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ.

އަދި ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރަށް އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން އެހެނިހެން މިނިވަން މުައްސަސާތަކެކޭވެސް އެއްގޮތަށް ބަންޑާރަ ނައިބުގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ވެސް މިނިވަން ދެ މުއައްސަސާ އެވެ.

އެކަމަކު ބަންޑާރަ ނައިބުގެ އޮފީސް ހިންގަމުން އަންނަނީ ސިވިލް ސާވިސްގެ ދަށުންނެވެ. އެހެންކަމުން އެ އޮފީހުގެ ހުރިހާ މުވައްޒަފުންގެ މައްޗަށް ހިނގަނީ ސިވިލް ސާވިސް ގަވާއިދާއި މުސާރަ އަދި އިނާޔަތްތަކެވެ. އެކަމުގެ ސަބަބުން އެ އޮފީސް ހިންގުމުގައި ދަތިތައް ދިމާވާކަން މީގެ ކުރިން ވެސް އެ އޮފީހުން ހާމަކޮށްފައި ވެއެވެ. އެގޮތުން ޕީޖީ އޮފީހާއި އެހެނިހެން މިނިވަން މުއައްސަސާތަކާއި އަޅާ ބަލާއިރު ވެސް އޭޖީ އޮފީހުގެ މުވައްޒަފުންގެ މުސާރަ ކުޑައެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަން އޮތީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތެއްގެ ތެރެއިން ފިނޭންސް މިނިސްޓްރީންނެވެ. މީގެ އިތުރަށް ގާނޫނުގެ ދަށުން ރިޓަޔަމަންޓް ގަވާއިދެއް ހަދައި، ރިޓަޔަރކުރުމަށް ފަހު އިނާޔަތް ލިބޭނެ ނިޒާމަކާއި މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ކަނޑައެޅޭނެ ނިޒާމެއް ވެސް ކަނޑައަޅާފައި ވެއެވެ. މި ބިލުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ. އެއީ ލީގަލް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ.

މި ބިލުގައި ވަނީ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ބަޔާންކޮށްފަ އެވެ. މީގެ އިތުރަށް އެ މަގާމުގައި ހުންނަ މީހަކު ކޮށްގެން ނުވާނެ ކަންކަން ވެސް ބަޔާންކޮށްފައި ވާއިރު އޭގެ ތެރޭގައި މަގާމުގެ ހައިސިއްޔަތުން ފިޔަވައި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އެހެން މަގާމެއް ނުވަތަ ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރުން ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވުން ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކުރުން އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފުން ފަދަ ކަންކަން ހިމެނެ އެވެ.

https://wamco.com.mv/
tel:+9607331319