logo

ކުރީ ސަރުކާރުތަކުން މަސްތުވާތަކެތީގެ މައްސަލަ އޮތީ ދޫކޮށްލާފައި: މެމްބަރު މަމްދޫހު

profile

އައިމިނަތު ރޫޔާ - 03 ޑިސެމްބަރު 2024 - 11:40

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު-- ފޮޓޯ: މަޖިލިސް

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު-- ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރުތަކުން މަސްތުވާތަކެތީގެ މައްސަލަ އޮތީ ދޫކޮށްލާފައި ކަމަށާއި ޑްރަގް ގެ މައްސަލަ އޮތީ އިންތިޚާބްތަކުގައި ބޭނުންކުރާ ސްލޯގަންއެއްގެ ގޮތުގައި ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މެމްބަރު ވިދާޅުވީ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިއްމު ގިނަ އިސްލާހުތަކެއް ހުށަހެޅިގެން ދިއުމުން ރާއްޖެއަށް ޒަމާނުއްސުރެ ދިމާވެފައިވާ ޑްރަގުގެ ބޮޑު މައްސަލައަށް ހައްލު ހޯދުމުގެ އިހްލާސްތެރި ނިޔަތެއް މިއަދު ސަރުކާރުގައި އެބައޮތްކަން ޔަގީންވާ ކަމަށެވެ.

މެމްބަރު އިތުރަށް ވިދާލުވީ 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ވުޖުދޫވިފަހުން، ގާނޫނަށް ދެ އިސްލާހެއް ގެނެވިފައި އޮތީ ހަމައެކަނި 2015 ވަނަ އަހަރުގައި އެކަނި ކަމަށެވެ.

މެމްބަރު މަމްދޫހު ވިދާޅުވީ ދިވެހިރާއްޖެއަށް އިޖުތިމާއީ ގޮތުން ދިމާވާ އެކިއެކ މައްސަލަތަކުގެ އަސްލަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި އެ މައްސަލައިގެ ތެރެއިން އުފަންވެގެން ނިކުމެގެން އަންނަ މައްސަލަތައް ކަމަށެވެ.

"2011 ވަނަ އަހަރު ގާނޫނެއް ހެދި، މިކަމަށް މަސައްކަތްތަކެއް ކުރުމަށް ފެށުނު ނަމަވެސް، ހަގީގަތުގައި ސަރުކާރުތަކަށް މިކަމަށް ކުރަންޖެހޭ މަސައްކަތް މިއަދާއި ހިސާބަށް އައިއިރުގައި ވެސް ކުރެވިފައެއް ނެތް. ކުރެވިފައި ނެތީމައި ، އަޅުގަނޑުމެނަށް މި މައްސަލަ ބޮޑުވަމުން، ބޮޑުވަމުން އައިސް މިއަދާއި ހިސާބަށް އައިއިރު، އަތުން އެއްކޮށް މައްސަލަ ދޫވާ ހިސާބަށް މައްސަލަ މިއޮތީ ބޮޑުވެފައި." މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުން މެންބަރު ވިދާޅުވީ އަދުގެ ސަރުކާރުން މި ގާނޫނަށް އިސްލާހުތަކެއް ގެނެސް، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން، ދައުރުގެ ފުރަތަމަ ކޮޅު މިފަދަ ގިނަ އިސްލާހުތަކާއެކީގައި މި މައްސަލަ ބަލަން ތިބި އިދާރާތަކަށް ، ލިބެންޖެހޭ ފުރިހަމަ ބާރާއި އިޚްތިޔާރު ގާނޫނުގެ ތެރެއިން ލިބިދޭކަން ކަށަވަރުވެގެންދާނެކަމަށެވެ.

"ކުރިން ދިމާވެފައި މި އޮންނަ މައްސަލައަކީ، ކޮންމެވެސް ކަހަލަ ގޮތަކަށް، މިކަމުގެ އުޅޭ ފަރާތްތަކަށް، ގާނޫނީ ގޮތުން ހިމާޔަތެއް ލިބިދޭ ގޮތަކަށް ގާނޫނުތައް ބައްޓަންކުރެވިފައި، ފަރުމާ ކުރެވިފައި މިއޮތީ. އެހެންނަމަވެސް މިއަދު ގެނެވޭ އިސްލާހުތަކާއެކީގައި، އަޅުގަނޑުމެނަށް ވަށާޖެހޭ ގޮތަކަށް، މި މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް ފެށިގެން ދާނެ." މެންބަރު ވިދާޅުވިއެވެ.

ހަމަމިއާއެކު، މެންބަރު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ކުރީކޮޅާ ހިސާބަށް މަސްތުވާތަކެތީގެ މައްސަލަ ބޮޑުވަމުން އައިސް ވަކި ހިސާބަކުން މަޑުޖެހިލި ހަމައެކަނި އަހަރުތައް ކަމަށެވެ. އެހެންނަމަވެސް، ޑަބްލިއުއެޗްއޯ އިން ޑްރަގް އެނަލިސިސް ރިޕޯޓް އިން އޭރު މަޑުޖެހިލާފައި އަނެއްކާވެސް 2019 އަހަރުން ފެށިގެން މައްސަލަ ބޮޑުވަމުން ދިޔަކަން ވަރަށް ސާފުކޮށް ފެންނަ އެބައޮތް ކަމަށެވެ.

އެގޮތުން، ރާއްޖެއަށް އެތެރެކުރެވޭ ޑްރަގް ގެ އަދަދު 2021 އާއި ހަމައަށް 33 އިންސައްތައަށް އިތުރުވިކަމަށާއި، ރާއްޖޭގައި މަސްތުވާތަކެތި ވިއްކާ އަދަދު 2019 އިން 2021 އަށް 47 އިންސައްތަ އިތުރުވެގެން ގޮސްފައިވާ ކަމަށް އެ ރިޕޯޓުން ފެންނަން އެބައޮތްކަން މެންބަރު ފާހަގަކުރެއްވިއެވެ.

https://int.etukuri.mv/
tel:+9607331319