
އަހަރުގެ މިހާތަނަށް 684،908 ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 16:07
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު 684،908 އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ 0.7 އިންސައްތަ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވަނީ، 689،634 ފަތުރުވެރިން ޒިިޔާރަތްކޮށްފައެވެ.
ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތް މިއަހަރުގެ ތެރޭގައި އެންމެ ދަށަށް ގޮސްފައިވަނީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެ އަންނަން ހުރި ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފައެވެ.
ހަނގުރާމަ ފެށުނުއިރު މެދުއިރުމަތިން ރާއްޖެއަށް އުދުހުންތައް ބައްވަމުން އައި ބޮޑެތި ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ހުއްޓާލިއިރު، މެދުއިރުމަތިން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އައިސްފައިވަނީ ވަރަށް މަދު ފްލައިޓްތަކެކެވެ. ނަމަވެސް މިހާރު އިއްތިހާދު، ޤަތަރު އަދި އެމިރޭޓްސްއިން ރާއްޖެއަށް ކޮންމެވެސް ވަރަކަށް ދަތުރުތައް ވަނީ ފަށާފައެވެ.
އަހަރުގެ މިހާތަނަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާއިން 100،185 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރަޝިއާއިން ވަނީ، 84،739 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އިނގިރޭސިވިލާތުން 65،105 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މި މުއްދަތުގެ ތެރޭގައި އިޓަލީން 59،396 އަދި ޖަރުމަނުވިލާތުން 46،245 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި އަހަރުގެ މިހާތަނަށް އެންމެގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ އައްޑޫސިޓީ ގަން އެއާޕޯޓުންނާއި މާފަރު އެއާޕޯޓުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް: 665،691 ފަތުރުވެރިން
ގަން އިންޓަރނޭޝަނަލް އެއާޕޯޓް: 2،813
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް: 2،620
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް: 1،630
ވިލާ އިންޓަރނޭޝަނަލް އެއާޕޯޓް: 1،234 ފަތުރުވެރިން
ދާލު އެއާޕޯޓް: 568 ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް ވައިގެ މަގުން 670،102 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު ބިޒްނަސް އެރައިވަލް އުޅެނީ، 4،455 ގައެވެ.
އަދި ކުރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާަރތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، 10،351 ގައެވެ.
ފަތުރުވެރިކަން ކުރިއަރުވަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާއްސަ ވެބިނަރތަކެއް ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.






.gif&w=3840&q=75)