logo

މަސްދަޅު ފޮނުވުމަށް ފަލަސްތީނު ސަރުކާރާއެކު އަންނަނީ މަޝްވަރާކުރަމުން

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 15:53

ފޮރިން މިނިސްޓްރީ ބިލްޑިންގ

ފޮރިން މިނިސްޓްރީ ބިލްޑިންގ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެ އިން ހަދިޔާކުރަން ނިންމި ދެ މިލިއަން މަސްދަޅު ފޮނުވުމުގެ މަސައްކަތް ފަލަސްތީނު ސަރުކާރާއެކު ކުރަމުން އަންނަކަމަށް ހާރިޖިއްޔާއިން ބުނެފިއެވެ.

އަސްލުޓީވީއަށް މައުލޫމާތުދެމުން ހާރިޖިއްޔާގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްދަޅު ފޮނުވުމުގެ މަސައްކަތްކުރިއަށްދަނީ ސީދާ ފަލަސްތީނު ސަރުކާރާ މަޝްވަރާކުރެވިގެންކަމަށެވެ. އަދި ވަރަށް އަވަހަށް މަސްދަޅުތައް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޔަހޫދީން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެހީތެރިކަމެއްގެ ގޮތުން ރާއްޖެ އިން 2 މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ.

އެމަސައްކަތް މި ސަރުކާރުން ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ހާރިޖިއްޔާއިންވަނީ ދީފައެވެ.

އަސްލު ޓީވީއަށް މައުލޫމާތު ލިބޭ ގޮތުން ހަނގުރާމަ ހިނގަމުންދާތީ މި ވަގުތު އެހީ ފޯރުކޮށްދިނުމަށް އުނދަގުވެފައިވާ ޣައްޒާއަށް ސަރުކާރުން މަސްދަޅު ފޯރުކޮށްދިނުމަށް މިވަގުތު ކުރަންޖެހޭނީ ވަރަށް އުނދަގޫ ދަތުރެކެވެ. މިވަގުތު އެހީ ފޯރުކޮސްދިނުމުގައިވެސް ބަލަނީ ކޮންމެހެން ބޭނުންވާ ޒަރޫރީ ކާނާގެ ބާވަތްތަކާއި ސިއްހީ ނިޒާމުގެ ތަކެއްޗަށްކަމަށް މައުލޫމާތުލިބެއެވެ.

ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭ ކަމަށެވެ.

ފަލަސްތީނުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ހުސްވި 2023ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 7ވަނަ ދުވަހު ޔަހޫދީ އިސްތިއުމާރީ ޣައިރު ގާނޫނީ ދައުލަތުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 40,786އަށް އަރާފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނައީ ކުޑަކުދިންނެވެ.

ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު ޒަހަމް ކޮށްލާފައިވާ މީހުންގެ އަދަދު 94,224އަށް އަރައެވެ.

އަދިވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އަލާމާތެއް ނުފެންނައިރު ދުވަހެއް ދުވަހަކަށް ޔަހޫދީންގެ އަނިޔާވެރިކަންދަނީ ބޮޑުވަމުންނެވެ.

tel:+9607331319