logo

ޓެލެތޯނުން ލިބުނު ފައިސާ އަންރުއާއަށް ޖަމާކޮށްފި

profile

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 17:50

ރައީސް ޓެލެތޯން ފައްޓާވައިދެއްވަނީ

ރައީސް ޓެލެތޯން ފައްޓާވައިދެއްވަނީ

ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ގެ އެކައުންޓަށް ޖަމާކޮށްފިއެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެމުން ހާރިޖިޔާއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނުގައި އެކި ފަރާތްތަކުން ހަދިޔާކުރި ފައިސާ އަންރުއާއަށް ޖަމާކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެގޮތުން 19،309،468 (ނަވާރަ މިލިއަން ތިން ލައްކަ ނުވަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ) ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް އަންރުއާގެ އެކައުންޓަށް ވޖަމާކުރެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ގައުމީ ފެންވަރުގައި ބޭއްވި ހާއްސަ ޓެލެތޯން 'ފަލަސްތީނާއެކު ދިވެހީން' ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒުގެ އިރުޝާދާއެކު ޕަބްލިކް ސަރވިސް މީޑިއާއިން އިސްވެއޮވެ، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ފަލަސްތީނަށް އެހީވުމަށް ބާއްވާ 'ފަލަސްތީނާއެކު ދިވެހީން' ހާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަގީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ.

މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިއެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުންވެސްވަނީ ފޮއްޓަށް ފައިސާ ޖަމާކޮށްފައެެވެ.

އާއްމުންގެ ތަރުހީބު ބޮޑު މި ޓެލެތޯނަށް ލިބުނު ފައިސާއަކީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ސަރުކާރުން ކުރުމަށް ރާވާފައިވާ ގިނަ ކަންކަމުގެ ތެރޭގަިއ ހިމެނޭ ކަމެކެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް ގެނައި އޭޖެންސީއެކެވެ. މި އޭޖެންސީއަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި އދގެ އޭޖެންސީއަށް ޖަމާކުރަމުން ދާނޭކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން މި އަހަރަށްވާ ފައިސާ މިހާރު ވަނީ އަންރުވާއަށް ޖަމާކޮށްފައެވެ.

tel:+9607331319