logo

ދިގުދެމިގެންވާ ހަނގުރާމައެއް ކުރުމަށް ބޭނުންވާ ވަސީލަތް ހަމާސްއަށް ލިބިގެންވޭ: ޔަހްޔާ ސިންވާރު

profile

ސައިފް އަޒުހަރު - 17 ސެޕްޓެމްބަރު 2024 - 15:31

އިސްތިއުމާރީ އިސްރާއީލާ ދެކޮޅަށް ދިގުދެމިގެންވާ ހަނގުރާމައެއް ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހަމާސްއަށް ލިބިގެންވާ ކަމަށް، ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ހަމާސްއިން އިސްރާއީލަށް ދިން، އިސްރާއީލަށް ސިހުންގެނުވި ކުއްލި ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް އަހަރެއް ފުރެން ގާތްވަނީއެވެ.

ޔަމަނުގެ ބައިވެރިންނަށް ޔަހްޔާ ސިންވާރު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ، ސަރަހައްދުގެ ބައިވެރިންގެ ތާއީދާއެކު، އިސްތިއުމާރީ ބާރާ ދެކޮޅަށް ދިގުދެމިގެންދާ ހަނގުރާމައެއް ކުރުމަށް ބޭނުންވާ ހިތްވަރު އެބަހުރި ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ތައްޔާރުވެފައި މިވަނީ ދިގު މުއްދަތެއްގެ ހަނގުރާމައެއް ކުރަން" ޔަހްޔާ ސިންވާރު

ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ އިސް ވެރިޔަކަށް ޔަހްޔާ ސިންވާރު މިދިޔަމަހު އައްޔަން ކުރެވުނީ، އީރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ތެހެރާނަށް ވަޑައިގެން އުޅުއްވަނިކޮށް އިސްރާއީލުން މިސައިލް ހަމަލާއެއްދީ ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

ޔަމަނަށް ފޮނުއްވި ސިޓީފުޅުގައި ޔަހްޔާ ސިންވާރު ވިދާޅުވެފައިވަނީ، ޔަމަން، ލުބުނާނު އަދި އިރާގުގެ ޖަމާއަތްތަކާ ގުޅިގެން ހަމާސްއިން ކުރާ މަސައްކަތުން ދުޝްމަނުން ބަލިކުރެވޭނެ ކަމަށެވެ. އަދި އެމީހުން ޣައްޒާގައި ހާސިލްކުރަން މަސައްކަތްކުރާ ސިޔާސީ މަގްސަދުވެސް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޣައްޒާގެ އުތުރަށާއި، މެދުތެރެއަށާއި، އަދި ދެކުނަށް ވައިގެމަގުން ބޮމާއި މިސައިލުން ހަމަލާދީ، އެއްގަމުން ބޮޑުބަޑިން ހަމަލާދީ ކޮންމެ ދުވަހަކު އެތައްސަތޭކަ ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، މިސްކިތްތަކާއި، އެނޫން އިމާރާތްތަކާއި ގެތައް ސުންނާފަތި ކުރަމުންދާ އިރުވެސް، އިސްތިއުމާރީ ބާރަށް ހަމާސްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެކަނިވެސް މިއަދުގެ ނިޔަލަށް 41،252 މީހުން ޝަހީދު ކޮށްލާފައި ވާއިރު، މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.

އިސްތިއުމާރީ ބާރުން އުދުވާނުތައް ހިންގާއިރު، ޣައްޒާއާއި، ހުޅަނގު އައްސޭރީގައި ހަމާސްއާއި، އިސްލާމިކް ޖިހާދު އަދި ފަލަސްތީނުގެ މުޖާހިދުންގެ އެކި ޖަމާއަތްތައް ގުޅިގެން ގެންދަނީ ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި އިސްތިއުމާރީ އެތައްސަތޭކަ ސިފައިން މަރާލައި، އެތައްހާސް ބަޔަކު ޒަޚަމް ކޮށްލައި، އެމީހުންގެ އެތައް ހަތިޔާރެއް ގެންދަނީ ގޮއްވަމުންނެވެ.

އިސްރާއީލުން ތުހުމަތު ކުރަނީ، ހަމާސްއަށް ހަތިޔާރު ލިބެނީ، މިސްރާއި، އުރުދުންގެ ތެރެއިން ޣައްޒާއަށް ވަގަށް އެތެރެކުރާތީ ކަމަށެވެ.

ނަމަވެސް، މިސްރާއި، އުރުދުން މި ތުހުމަތު ދޮގުކުރެއެވެ.

ހަމާސްއިން ތަކުރާރުކޮށް ބުނަމުންގެންދަނީ، އިސްރާއީލާ ދެކޮޅަށް ބޭނުންކުރާ ރޮކެޓާއި، މިސައިލާއި، ޑްރޯންއާއި، އެނޫންވެސް ހަތިޔާރަކީ ހަމާސްގެ އުފެއްދުންތައް ކަމަށާއި، އެކަމުގެ ގާބިލް މީހުން ހަމާސްގެ އެބަތިބި ކަމަށެވެ. އަދި ހަތިޔާރު އުފައްދަނީ ޣައްޒާގައި ކަމަށްވެސް ބުނެއެވެ.

tel:+9607331319