logo

ޕޭޖަރުތައް ގޮވި ހާދިސާ ތަހްގީގު ކުރުމުގައި ކުންފުންޏަށް އެހީތެރިވެދޭނަން: ޓައިވާން ސަރުކާރު

profile

ސައިފް އަޒުހަރު - 18 ސެޕްޓެމްބަރު 2024 - 12:45

ލުބުނާނުގެ އެކި ހިސާބުތަކުގައި ހާހެއްހާ ޕޭޖަރު އިއްޔެ ގޮވި ހާދިސާ ތަހްގީގު ކުރުމުގައި ޕޭޖަރުތައް އުފެއްދި ކުންފުންޏަށް އެހީތެރިވެދޭނެ ކަމަށް ޓައިވާން ސަރުކާރުން ބުނެފިއެވެ.

ލުބުނާނުގައި އިއްޔެ ގޮވި ޕޭޖަރުތަކަކީ، ޓައިވާނަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ކަމަށްވާ ގޯލްޑް އެޕޯލޯގެ ޔޫރަޕް ބްރާންޗުން އުފައްދައި ލުބުނާނަށް އެތެރެކޮށްފައިވާ ޕޭޖަރުތަކެކެވެ.

ޓައިވާން އިކޮނޮމިކް މިނިސްޓްރީން ބުނީ، ޕޭޖަރުތައް ގޮވި މައްސަލައިގެ ތަހްގީގުގައި ކުންފުންޏަށް އެހީތެރިވާނެ ކަމަށެވެ.

އަދި ލުބުނާނުގައި ގޮވި ޕޭޖަރުތަކަކީ، ސީދާ ޓައިވާންގެ ކުންފުނިން ލުބުނާނަށް އެކްސްޕޯޓްކުރި ޕޭޖަރުތަކެއް ނޫން ކަމަށާއި، އެކްސްޕޯޓްކުރި ފަހުން ޕޭޖަރުތައް މޮޑިފައި ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ކުންފުނިން ބުނެފައިވާ ކަމަށްވެސް ޓައިވާން ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ގޯލްޑް އެޕޯލޯ ކުންފުނިން ބުނެފައިވަނީ، އެ ޕޭޖަރުތަކަކީ އެ ކުންފުނިން ލައިސަންސް ދީގެން އަދި އެ ކުންފުނީގެ ޓްރޭޑްމާކް ޑިޒަންގައި ޔޫރަޕް ކުންފުންޏަކުން އުފައްދައި ލުބުނާނަށް އެކްސްޕޯޓް ކޮށްފައިވާ ޕޭޖަރުތަކެއް ކަމަށެވެ. އެހެންވެ، ގޮވި ޕޭޖަރުތައް އުފެއްދުމުގައި ގޯލްޑް އެޕޯލޯގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ބުނެފައި ވެއެވެ. ޕޭޖަރުތައް ގޮވުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް އެ ކުންފުނީގެ ރައީސް ވިދާޅުވެފައި ވެއެވެ.

ޕޭޖަރުތައް ގޮވި ހާދިސާތަކުގައި 9 މީހުން މަރުވެ، 2،750 މީހުން ޒަޚަމްވެފައި ވާއިރު، ޒަޚަމްވި މީހުންގެ ތެރެއިން 200 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ލުބުނާނުން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވަރަށް ދުރާލާ ރާވައިގެން ލުބުނާނަށް އެތެރެކުރި 5،000 ޕޭޖަރު އުފެއްދުމުގެ މަރްހަލާގައި، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުންވަނީ ޕޭޖަރުތައް މޮޑިފައިކޮށް އޭގައި ގޮވާތަކެތި ހަރުކޮށްފައެވެ. އަދި މޮސާޑުން އެ ޕޭޖަރުތަކަށް ކޯޑެއް ފޮނުވުމުން ގޮވާގޮތަށް ވަނީ ހަދާފައެވެ.

މި ޕޭޖަރުތައް ލުބުނާނަށް އެތެރެކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. މިއީ، ހިޒްބުﷲ މެމްބަރުންގެ ބޭނުމަށް އެތެރެކުރި ޕޭޖަރުތަކެއް ކަމަށް ވެއެވެ. އެއިން ކޮންމެ ޕޭޖަރެއްގައި 3 ގްރާމްގެ ގޮވާތަކެތި ހިމެނޭ ކާޑެއް ހަރުކޮށްފައި ވާއިރު، އެއްވެސް ސްކޭނަރަކަށް ގޮވާތަކެތި ހަރުކޮށްފައިވާކަން ދެނެ ނުގަނެވޭގޮތްވެސް މޮސާޑުން ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގެ އެކި ހިސާބުތަކުގައި ހާހެއްހާ ޕޭޖަރުތައް އެއްފަހަރާ އިއްޔެ ގޮވާފައި ވާއިރު، ޕޭޖަރުތައް ގޮވާފައިވަނީ ފުރަތަމަ ވަރަށް ބޮޑަށް ހޫނުވުމަށް ފަހުގައި ކަމަށް ވެއެވެ.

އެމެރިކާއިން ބުނެފައިވަނީ، ޕޭޖަރިުތައް ގޮއްވާލުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

tel:+9607331319