logo

ޕޭޖަރުތައް ގޮވުމަކީ މުޖުރިމު އިސްރާއީލުން ހިންގި ޖަރީމާއެއް: ލުބްނާން ސަރުކާރު

profile

ސައިފް އަޒުހަރު - 17 ސެޕްޓެމްބަރު 2024 - 22:35

ލުބްނާނުގައި މިއަދު ހިނގި ހާދިސާގައި، އަމިއްލައަށް ހޫނުވެ ގޮވާފައިވާ ޕޭޖަރެއް: ޕޭޖަރަކީ ފޯނުގެ ބަދަލުގައި އެކަކު އަނެކަކަށް މުއާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތެއް

ލުބްނާނުގައި މިއަދު ހިނގި ހާދިސާގައި، އަމިއްލައަށް ހޫނުވެ ގޮވާފައިވާ ޕޭޖަރެއް: ޕޭޖަރަކީ ފޯނުގެ ބަދަލުގައި އެކަކު އަނެކަކަށް މުއާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތެއް

ލުބުނާނުގައި އެކި ކަންކޮޅުތަކުގައި އެތައްހާސް ޕޭޖަރުތަކެއް ގޮއްވުމުގެ ހާދިސާއަކީ އިސްރާއީލުން ހިންގި ޖަރީމާއެއް ކަމަށް ބުނެ، ލުބުނާނުގެ ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ލުބުނާނު ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރ ޒިއާދު މަކާރީ ވިދާޅުވީ، މިއީ މުޖުރިމު އިސްރާއީލުން ހިންގި ޖަރީމާއެއް ކަމަށާއި، މިއީ ލުބުނާނުގެ އިސްތިގްލާލަށް އަރައިގަނެ އިސްރާއީލުން ހިންގި ނުރައްކާތެރި އަމަލެއް ކަމަށެވެ.

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ މެމްބަރުންނާއި އަދި ބައެއް އާންމުންވެސް ބޭނުންކުރާ ޕޭޖަރުތައް ގޮވުމުގެ ސަބަބުން 9 މީހުން މަރު 2،800 މީހުން ޒަޚަމްވެފައި ވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓަރ ފިރާސް އަލް-އަބިޔަދު ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރޭގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި އީރާނުން ލުބްނާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރުވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުރިހާ ޕޭޖަރުތައްވެސް ގޮވާފައިވަނީ ފުރަތަމަ ވަރަށް ބޮޑަށް ހޫނުވުމަށް ފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮވާފައިވަނީ ހިޒްބުﷲގެ މެމްބަރުން އަލަށް ބޭނުންކުރަން ފެށި ޕޭޖަރުތަކެއް ކަމަށް ވެއެވެ. އެ ޕޭޖަރުތައް ހޫނުކޮށް ގޮއްވާލާފައިވަނީ އިސްރާއީލުން ކޮމިއުނިކޭޝަން ސިސްޓަމް ހެކްކޮށް އޭގެ ކޮންޓްރޯލް ނަގައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ، އިސްރާއީލުން މުޅި ލުބްނާނަށް ދިން ސައިބަރ ހަމަލާއެއް ކަމަށްވެސް ބުނެއެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އެއްކުރެވުނު ހުރިހާ މައުލޫމާތަކަށް ބަލާއިރު، މިއީ ސީދާ އިސްރާއީލުން ހިންގި ޖަރީމާއެއްކަން ކަށަވަރު ވެފައިވާ ކަމަށެވެ. މި ޖަރީމާގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަންޖެހޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ލުބުނާނުގެ އިތުރުން، ސޫރިޔާގެ ދިމިޝްގުގައިވެސް ޕޭޖަރުތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާހެދި، ހިޒްބުﷲއިން މިހާރުވަނީ، ޕޭޖަރުތައް ބޭނުން ނުކުރުމަށް ހުރިހާ މެމްބަރުންނަށް އަންގާފައެވެ.

ޕޭޖަރުތައް ގޮއްވާލުމުގެ ޒިންމާ ލުބުނާނުން އިސްރާއީލުގެ ބޮލުގައި އަޅުވަމުން ގެންދާއިރު، އިސްރާއީލުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށިގެން ލުބުނާނުގެ ހިޒްބުﷲއާއި އިސްރާއީލާ ދެމެދު މެދުނުކެނޑި ހަމަލާތައް ގެންދަނީ ބަދަލުކުރަމުންނެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ލުބުނާނުގެ ސަލާމަތަށް ނުރައްކާކޮށް ޕޭޖަރުތައް ގޮއްވާލި މައްސަލާގައި ހިޒްބުﷲގެ ހަމަލާތައް ހައްތަހާ ވަރުގަދަވެ މަސްރަހް އިތުރަށް ގޯސްވެގެންދިއުން ވަރަށް ގާތް ކަމަށެވެ.

tel:+9607331319