logo

އިސްތިއުމާރާ ދެކޮޅަށް އާންމު މަޖިލީހުން ފާސްކުރި ގަރާރު ވަގުތުން ތަންފީޒުކުރަން މެލޭޝިޔާއިން ގޮވާލައިފި

profile

ސައިފް އަޒުހަރު - 19 ސެޕްޓެމްބަރު 2024 - 13:20

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައި:

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައި:

އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ވަގުތުން ތަންފީޒު ކުރުމަށް މެލޭޝިޔާއިން ދުނިޔެއަށް ގޮވާލައިފިއެވެ.

އދގެ އާންމު މަޖިލީހުން ރޭގައި ފާސްކުރި ގަރާރަށް މަރްހަބާ ކިޔައި މެލޭޝިޔާ ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ދުނިޔެއަށް ގޮވާލާފައިވަނީ، ގަރާރުގައި ހިމެނޭ ހުރިހާ ކަމެއް ހިމެނޭގޮތަށް އަދި އެއްވެސް ލަސްވުމެއްނެތި ތަންފީޒު ކުރުމަށެވެ.

އދގެ އާންމު މަޖިލީހުގެ ގަރާރުގައި ކަނޑައަޅާފައިވާ ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކުރުމާއި، މިނިވަންކަމާއެކު އުޅެވޭނޭ ފުރުސަތު އޮންނަން ޖެހޭނޭ ކަމަށް މެލޭޝިޔާއިން ބުނެފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުރުކޮށްގެން އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި އދގެ އާންމު މަޖިލީހުން ގަރާރު ފާސްކުރީ، އދގެ މެމްބަރުންގެ ގޮތުގައި ހިމެނޭ 193 ގައުމުގެ ތެރެއިން 124 ގައުމުގެ ވޯޓާއެކުގައެވެ.

ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައިވާއިރު، ވޯޓުލީ ޖަލްސާއަށް 43 ގައުމަކުން ހާޟިރެއް ނުވެއެވެ.

އިސްތިއުމާރަށް ނިމުން ގެނައުމުގެ ގަރާރާ ދެކޮޅަށް ވޯޓުދިނީ، އާޖެންޓީނާ، ޗެކް ރިޕަބްލިކް، ފީޖީ، ހަންގޭރީ، އިސްރާއީލު، މަލާވީ، މައިކްރޯނޭޝިއާ، ނައުރޫ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ޕެރެގުއޭ، ޓޮންގާ، ޓުވާލޫ އަދި އެމެރިކާއެވެ.

މި ގަރާރުގައި އިސްރާއީލަށް ގޮވާލާފައިވަނީ، ފަލަސްތީނުގެ ބިންތަކުގެ އިސްތިއުމާރު 12 މަސްދުވަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްގެން އޮތް އޮތުމަކީ ޣައިރުގާނޫނީ ކަމެއްގެގޮތުގައި ކަނޑައަޅައި ދިނުމަށް މިމައްސަލަ އާންމު މަޖިލީހަށް ހުށަހެޅީ ފަލަސްތީނުންނެވެ.

އާންމު މަޖިލީހުގެ ނިންމުމަށް މަރްހަބާ ކިޔަމުން، ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތައް ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯއައިސީން ބުނެފައިވަނީ، އާންމު މަޖިލީހުގެ ނިންމުމުން، ފަލަސްތީނު ރައްޔިތުންނަށް މިނިވަން މުސްތަގިއްލު ގައުމެއް ގާއިމްކުރުމާއި، އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ހައްގު އޮތްކަން ދުނިޔެ ގަބޫލުކުރާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އާންމު މަޖިލީހުގެ ނިންމުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު ބޯލަނބާކަން ކަށަވަރު ކުރުމަށް، ވަކިވަކި ގައުމުތަކުންނާއި އަދި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީން ގޮވާލާފައި ވެއެވެ.

އާންމު މަޖިލީހުގެ ނިންމުމަށް މަރްހަބާ ކިޔައި އަރަބި ގައުމުތައް ހިމެނޭ، ގަލްފް ކޯޕަރޭޝަން ކައުންސިލް – ޖީސީސީން އިސްރާއީލަށް ގޮވާލާފައިވަނީ އިސްތިއުމާރު ވަގުތުން ނިމުމަކަށް ގެނައުމަށެވެ. އަދި ބުނެފައިވަނީ، މި ގަރާރުގެ ސަބަބުން ހިފާފައިވާ ބިންތައް އަލުން ހޯދުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުން ލިބިގެން ހިނގައްޖެ ކަމަށެވެ.

އދއިންވެސް އަދި ދުނިޔެއިންވެސް މަސައްކަތް ކުރަމުންގެންދަނީ، 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު ހިނގި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ހިފައި އިސްތިއުމާރު ކޮށްފައިވާ ބިންތަކުން އިސްރާއީލު ބޭލުމަށެވެ. ގުދުސްއާއި ހުޅަނގު އައްސޭރިވެސް އިސްރާއީލުން ހިފާފައިވަނީ އެ ހަނގުރާމައިގައެވެ.

އޭގެ ބައެއް ބިންތައް އިސްރާއީލުން އަމިއްލަކުރި ނަމަވެސް، ދުނިޔެ އެކަން ގަބޫލެއް ނުކުރެއެވެ.

tel:+9607331319