logo

ލުބާނުން ފުރާ މަތިންދާ ބޯޓެއްގައި ޕޭޖަރާއި، ވޯކީ-ޓޯކީ ބޭނުންކުރުން މަނާކޮށްފި

profile

ސައިފް އަޒުހަރު - 19 ސެޕްޓެމްބަރު 2024 - 15:50

ބެއިރޫތު ރަފީގް ހަރީރީ އިންޓަރނޭޝަނަލް އެއަރޕޯޓު:

ބެއިރޫތު ރަފީގް ހަރީރީ އިންޓަރނޭޝަނަލް އެއަރޕޯޓު:

ލުބާނުން ފުރާ އެއްވެސް މަތިންދާ ބޯޓެއްގައި ޕޭޖަރާއި، ވޯކީ-ޓޯކީ ބޭނުންކުރުން ލުބުނާނު ސަރުކާރުން މަނާކޮށްފިއެވެ.

ލުބުނާނު ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް ނެރުނު އުސޫލެއްގައި، ލުބާނުން ފުރާ އެއްވެސް މަތިންދާ ބޯޓެއްގައި ޕޭޖަރާއި، ވޯކީ-ޓޯކީ ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އަންގާފައި ވެއެވެ.

އެގޮތުން، ބެއިރޫތު ރަފީގް ހަރީރީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ އެއްވެސް ފަސިންޖަރަކަށް، ކާގޯގެ ގޮތުގައިވެސް، ދޫކޮށްލާ ލަގެޖާއި އަދި އަތުން ހިފައިގެންގެންދާ ލަގެޖެއްގައިވެސް ޕޭޖަރާއި، ވޯކީ-ޓޯކީ ނުގެންދެވޭނޭ ކަމަށް އަންގާފައި ވެއެވެ.

އެފަދަ އާލާތެއް ފަސިންޖަރެއްގެ ލަގެޖުން ފެނިއްޖެނަމަ އަތުލެވޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

ލުބުނާނު ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް ނެރުނު އައު އުސޫލަށް ވަގުތުންވަނީ އަމަލުކުރަން ފަށާފައެވެ. އަދި ވަކި އެއްޗެއް އަންގަންދެން މި އުސޫލަށް އަމަލުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހާއި ބުދަދުވަހު މުޅި ލުބުނާނުގެ އެކި ހިސާބުތަކުން އިލެކްޓްރޯނިކް ސާމާނުތައް ގޮވައި 32 މީހުން މަރުވެ، އެތައްހާސް މީހުން ޒަޚަމްވެފައި ވެއެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދުވެސް ސަތޭކައިން މައްޗަށް އަރައެވެ.

އަންގާރަ ދުވަހާއި ބުދަދުވަހު ލުބުނާނުގެ އެކި ހިސާބުތަކުން ގޮވާފައިވަނީ ހަމައެކަނި ޕޭޖަރާއި، ވޯކީ-ޓޯކީއެއް ނޫނެވެ.

އެ ތަކެތީގެ އިތުރުން، މޮބައިލް ފޯނާއި، ލެޕްޓޮޕާއި، ސޯލާ ޕަވަރ ބެޓަރީތައް ގޮވުމުގެ ހާދިސާތައްވެސް ހިނގާފައި ވެއެވެ.

މިއީ، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ވަރަށް ދުރާލާ ރާވައިގެން ދިން އުދުވާނީ ހަމަލާއެއް ކަމަށް ޔަގީން ކުރެވިފައިވާ ކަމަށް ހިޒްބުﷲއިން ބުނެފައި ވެއެވެ.

tel:+9607331319