logo

އެމްޕޮކްސްގެ ކޭސްއެއް ފެނިއްޖެ ކަމަށް މެލޭޝިޔާއިން ރިޕޯޓް ކޮށްފި

profile

ސައިފް އަޒުހަރު - 17 ސެޕްޓެމްބަރު 2024 - 11:59

އެމްޕޮކްސްގެ އެންމެ ނުރައްކާތެރިނޫން ބާވަތުގެ މިއަހަރުގެ ފުރަތަމަ ކޭސް ފެނިއްޖެކަމަށް މެލޭޝިޔާއިން ރިޕޯޓް ކޮށްފިއެވެ.

އެމްޕޮކްސްއަށް ޕޮޒިޓިވް ވެފައިވާ މީހާއަކީ މެލޭޝިޔާ ރައްޔިތެއް ކަމަށާއި، އޭނާ ޕޮޒިޓިވްވެފައިވަނީ އެމްޕޮކްސްބަލި އަސްލު ޖައްސާ ކްލޭޑް2 ވޭރިއެންޓަށެވެ.

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު އެމްޕޮކްސް ފެތުރެމުންދަނީ އައު ވޭރިއެންޓަކުންނެވެ. މިކަމާހެދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިދިޔަ މަހުވަނީ، އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު މީހަކު ހުންއައިސް، ކެއްސައި ކަރުތެރެ ހިރުވާތީ ޖެހިގެން އައިދުވަހު ގައިގައި ފިތްތަކެއް ނެގުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓް ހެދިއިރު އެމްޕޮކްސްއަށް ޕޮޒިޓިވްވީ ކަމަށެވެ.

އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނުނުއިރު އޭގެ 21 ދުވަސް ކުރީގައި ގައުމުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެމްޕޮކްސްއަށް ޕޮޒިޓިވްވި މީހާގެ ހުރިހާ ކޮންޓެކްޓެއް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އެމީހުން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށްވެސް މެލޭޝިޔާ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

މިމދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން މެލޭޝިޔާއިން މިހާތަނަށް ފެނިފައިވަނީ އެމްޕޮކްސްގެ ޖުލްމަ 10 ކޭސްއެވެ. އޭގެ ތެރެއިން 9 ކޭސް ފެނިފައިވަނީ 2023 ތެރޭގައެވެ.

މިއަދު ރިޕޯޓް ކޮށްފައިވަނީ މިއަހަރު ފެނުނު ފުރަތަމަ ކޭސްއެވެ.

tel:+9607331319