logo

ޗައިނާއާއެކު ވިޔަފާރިކުރަން އިންޑިއާ އޮތީ ބަންދުވެފައެއް ނޫން: ޑރ. ޖައިޝަންކަރު

profile

ސައިފް އަޒުހަރު - 11 ސެޕްޓެމްބަރު 2024 - 13:42

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު (ވ)  ޖަރުމަނުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު (ވ) ޖަރުމަނުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި

އިންޑިއާ އޮތީ ޗައިނާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ބަންދުވެފައި ނޫންކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ބާރލިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ، މައްސަލައަކީ އިންޑިއާއިން ޗައިނާއާއެކު ވިޔަފާރި ކުރަންވީ ކޮން ސެކްޓަރތަކެއްގައިތޯއާއި، އެކަމަށް އޮތީ ކޮން ޝަރުތުތަކެއްތޯއާ މެދުގައި ކަމަށެވެ.

އެކަމަށް ދެއްވެންއޮތީ ވަރަށް ހައްސާސް ޖަވާބެއް ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އޭޝިޔާގެ އެންމެ ބޮޑު ދެ އިގްތިސާދު ކަމަށްވާ އިންޑިއާއާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވެގެންދިޔައީ، ހިމާލަޔާ ސަރަހައްދުން ދެގައުމުގެ އިމުގައި، ދެގައުމުގެ ސިފައިންގެ ދެމެދުގައި 2020 ވަނަ އަހަރު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހުގައެވެ.

އެ ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެ، ޗައިނާ ސިފައިންގެ 4 މީހުން މަރުވިއެވެ.

އެ ހާދިސާގެފަހުން އިންޑިއާއިން ވަނީ، ޗައިނާގެ ކުންފުނިތަކުން އިންޑިއާގައި ކުރާ އިންވެސްޓްމަންޓްތަކަށް ފާރަވެރިކަން އިތުރަށް ވަރުގަދަކޮށް، އަދި ޗައިނާއިން އިންޑިއާގައި ހިންގަމުންގެންދިޔަ ބޮޑެތި މަޝްރޫއުތައް ހުއްޓުވާފައެވެ.

ޗައިނާގެ އިންވެސްޓްމަންޓްތަކަށް ފާރަވެރިކަން ހަރުކަށިކުރުމުގެ އިތުރުން، ޗައިނާގެ އެއްވެސް ރައްޔިތަކަށް ވިސާދިނުން 2020 ވަނަ އަހަރުން ފެށިގެން އިންޑިއާއިންވަނީ ގާތްގަނޑަކަށް ހުއްޓާލާފައެވެ.

އެހެން ނަމަވެސް، ޗައިނާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފާޅުކުރަމުންދާ ޚިޔާލުތަކަށް އިންޑިއާގެ އެކި އޮފިޝަލުން ގެންދަވަނީ ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ. އެކަމަށް ތާއީދުކުރައްވާ ބޭފުޅުންގެ ތެރޭގައި އިންޑިއާގެ މައި ސަރުކާރުގެ މާލީ ވަޒީރު ނިރްމަލަ ސިތާރަމަންވެސް ހިމެނިވަޑައި ގަންނަވައެވެ.

އިންޑިއާގައި ޖުލައިމަހު އާންމުކުރި އަހަރީ އިކޮނޮމިކް ސާރވޭއިން ދައްކާފައިވަނީ، އިންޑިއާގެ އެކްސްޕޯޓް ވިޔަފާރި ބޫސްޓްކުރަން ބޭނުންނަމަ ޗައިނާގެ ސަޕްލައި ޗޭނާ ގުޅުން ނުވަތަ ޗައިނާއިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުން މުހިންމު ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ، ޗައިނާއާއެކު ވިޔަފާރިކުރަން އިންޑިއާ އޮތީ ބަންދުވެފައި ނޫން ކަމަށާއި، ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ހިންގާނެ ދާއިރާތަކާމެދު ސުވާލުތައް އެބަހުރި ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ނާޒުކު ނޫން ދާއިރާތަކުން ޗައިނާގެ އިންވެސްޓްމަންޓްތައް ގެނައުމަށް އިންޑިއާއިން ދޫތަކެއް ދީފާނެއެވެ. އެގޮތުން، ސޯލާ ޕެނަލްއައި ބެޓަރީ އުފެއްދުމުގެ ދާއިރާއިން ޗައިނާގެ އިންވެސްޓްމަންޓްތަކަށް ލުއި ދީފާނެ ކަމަށާއި، ސަބަބަކީ އެފަދަ ސިނާއަތްތައް ހިންގުމަށް ބޭނުންވާ ތަޖުރިބާ އިންޑިއާގައި މަދުވެފައި، އެކަމަށް އިންޑިއާއަށް ބޭރު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާތީއެވެ.

އަދި އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅިފައި އޮތުމުން ޗައިނާގެ ޓެކްނީޝަނުންނަށް ވިސާގެ ލުއި ދިނުމަށްވެސް އިންޑިއާއިން މިހާރު ދަނީ ވިސްނަމުންނެވެ.

tel:+9607331319