logo

ޔަމަނުގެ ހޫޘީން ދެއްކި ހިތްވަރަށް ލުބުނާނުގެ ހިޒްބުﷲއިން ތައުރީފްކޮށްފި

profile

ސައިފް އަޒުހަރު - 16 ސެޕްޓެމްބަރު 2024 - 15:24

އިސްރާއީލުގެ މެދުތެރެއަށް އިއްޔެގެ ފަތިހާ މިސައިލް ހަމަލާދީ، ޔަމަނުގެ ހޫޘީން ދެއްކި ހިތްވަރަށް ލުބުނާނުގެ ހިޒްބުﷲއިން ތައުރީފްކޮށްފިއެވެ.

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުދުވާނީ އިސްރާއީލަށް ހަމަލާދިނުމަށް ހޫޘީ ލީޑަރޝިޕުން ނިންމި ނިންމުމަކީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި، މިއީ ފަލަސްތީނު ރައްޔިތުން އަނިޔާވެރިކަމާ ދެކޮޅަށް ދައްކަމުންދާ ހިތްވަރަށް ތާއީދުކޮށް، އެންމެން އެބައިވަންތަވެ ދައްކަމުންގެންދާ ދެކޮޅުވެރިކަމަށް ފެނިގެންދިޔަ ރަނގަޅު މިސާލެއް ކަމަށެވެ.

2،000 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރުމަށްފަހު އިސްރާއީލުގެ މެދުތެރެއިން ތެލްއަވީވަށް މިސައިލް ހަމަލާތައް އަމާޒުވިއިރު، ގޭސް ހޮޅިއަކާއި، ބްރިޖެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބުނުއިރު، އެނޫންވެސް ސަރަހައްދުތަކުގައި އަލިފާންރޯވެ އަނދައި، އިމާރާތްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބައެއް މީޑިއާތަކުން ބުނެފައިވަނީ "ތެލްއަވީވް އަނދަނީ" މިހެންނެވެ.

ތެލްއަވީވަށް އަމާޒުވި އެއް މިސައިލަކީ، ހޫޘީން އަލަށް ބޭނުންކުރަން ފެށި ދުރުރާސްތާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެކެވެ.

ތެލްއަވީވަށް އަމާޒުކޮށް ޔަމަނުން ފޮނުވާލި ހުރިހާ މިސައިލެއް ވައްޓާލި ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނިނަމަވެސް، ފެނުނީ އެހެން މަންޒަރެކެވެ. އެކި ހިސާބުތަކުގައި އަލިފާން ރޯވެ އަނދަމުންދިޔަ މަންޒަރެވެ.

ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ވިދާޅުވެފައިވަނީ، ހޫޘީން ފޮނުވާލި ހައިޕަރސޮނިކް ބެލިސްޓިކް މިސައިލަކީ އަޔަން ޑޯމްއަށް ވައްޓާލެވޭނެ މިސައިލެއް ނޫން ކަމަށެވެ.

ޔަމަނުން ފޮނުވާލި މިސައިލްތައް އުދުހިގެން އައިސްފައިވަނީ ސައުދީ އަރަބިއްޔާ އަދި އުރުދުންގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމަށް ވާއިރު، އެ ގައުމުތަކުން ބޭނުންކުރާ ދިފާއީ ސިސްޓަމްތަކަށްވެސް މިސައިލްތައް އަންނަކަން ފާހަގަ ނުކުރެވުނުތާ، ވައްޓައެއްވެސް ނުލެވުނެވެ.

އިސްރާއީލަށް އަމާޒުކޮށް ގްރޫޕްތަކުން ފޮނުވާލާ މިސައިލްތައް، އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަންނާތީ ކަމަށްބުނެ އަރަބި ގައުމުތަކުން މިސަލްތައް އިސްރާއީލާ ހަމައަށް ނުފޯރަނިސް ވައްޓާލައެވެ.

މިފަހަރު އެކަން ނާކާމިޔާބު ވިއިރު، އިސްރާއީލުގެ ފައިޓަރ ޖެޓުތަކަށްވެސް އަދި ޖޭމްކުރާ ސިސްޓަމްތަކަށްވެސް ހޫޘީންގެ މިސައިލްތަކެއް ނުހުއްޓުވުނެވެ.

އިއްޔެގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގައި މިހާރުވަނީ ހޫނު ބަހުސްތަކެއް ފެށިފައެވެ. އިސްރާއީލަށް ނުރައްކާއޮތް މިންވަރު ބޮޑުކަމުންނެވެ.

ޔަމަނުގެ ޕޮލިޓިކަލް އެނަލިސްޓް ހުސައިން އަލްބުޚައިތީ، އަލްޖަޒީރާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ހޫޘީން އަތުގައިހުރި އެންމެ ޒަމާނީ ވަރުގަދަ ހަތިޔާރު، އިސްރާއީލާ ދެކޮޅަށް އަދި ބޭނުންކޮށްފައި ނުވާ ކަމަށެވެ.

ހޫޘީން ތިބީ، އިސްރާއީލާއެކު ދިގުލައިގެންދާ ހަނގުރާއަކަށް ދާންޖެހުނަސް އެކަންކުރަން ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އޭނާ ބުނެފައި ވެއެވެ.

ހޫޘީންގެ އަސްކަރީ ފިޔަ، އަންސާރުﷲއަކީ ލުބުނާނުގެ ހިޒްބުﷲއަށްވުރެންވެސް ހަތިޔާރުގެ ގޮތުން ވަރުގަދަ ބައެކެވެ. އެމީހުންގެ އަތުގައި ދުރުރާސްތާ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި، އެކި ބާވަރުގެ ޑްރޯންއާއި، ކަނޑުގައި އަޅާ މައިންފަދަ ޒަމާނީ އެތައް ހަތިޔާރު އެބަހުއްޓެވެ.

އަނެއްކޮޅުން، ޔަމަނުގެ ދައްމަރު ނަމަކަށްކިޔާ ރަށުގެމަތިން އުދުހުނު އެމެރިކާގެ ރެޕަރ ޑްރޯން މަތިންދާ ބޯޓެއް މިއަދު ވައްޓާލާފައިވާ ކަމަށް ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނުވަނީ އިއުލާން ކުރައްވާފައެވެ.

މިއީ، މި ހަފްތާތެރޭގައި ހޫޘީން ވައްޓާލި މީގެ 3 ވަނަ މަތިންދާ ބޯޓެވެ. އަދި ޣައްޒާ ހަނގުރާމަ ފެށިފަހުން ހޫޘީން ހަމަލާދީ ވައްޓާލި އެމެރިކާގެ މިފަދަ 10 ވަނަ ޑްރޯން މަތިންދާ ބޯޓެވެ.

ރެޕަރ ޑްރޯން މަތިންދާ ބޯޓަކީ ހަމަލާދޭން ބޭނުންކުރާ ޑްރޯންތަކެކެވެ. މިއިން އެއްޗެއްގެ އަގަކީ 30 މިލިއަން އެމެރިކާ ޑޮލަރެވެ.

ޑްރޯން މަތިންދާ ބޯޓު ވައްޓާލި ޚަބަރު ދެއްވުމަށްފަހު ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ، ޣައްޒާގެ އުދުވާނު ހުއްޓާލައި، ޣައްޒާގެ ހިސާރު ދޫކޮށްނުލާހާ ހިނދަކު އިސްރާއީލަށް ހަމަލާ ދޭނޭ ކަމަށެވެ.

tel:+9607331319