logo

އެމްއެމްޕީއާރުސީއާއި ޗައިނާގެ ފްލިގީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

އައިޝަތު އިނާޝާ - 18 އޯގަސްޓު 2024 - 22:35

t.jpeg

t.jpeg

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި ޗައިނާގެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމް، ފްލިގީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ވިލާ ނޯޓިކާގައި ބޭއްވި ރަސްމިއްޔާތެއްގައި ވިލާ ރިސޯޓްސްއާ ގުޅިގެން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ފްލިގީގެ ނައިބު ރައީސް ޓޮންގް ޓެންގް އެވެ.

ފްލިގީ އާއި އެ ކޯޕަރޭޝަނާ ދެމެދު އޮންނަ މި މުހިންމު ޕާޓްނާޝިޕްގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެމްއެމްޕީއާރުސީން ބުނޭއެވެ.

"ފްލިގީގެ ޕާޓްނަރޝިޕަށް ޓަކައި އަދި މިތަނުގެ ހުރިހާ ސްޓޭކް ހޯލްޑަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ޝައްކެއްނުކުރަން، އަޅުގަނޑުމެން ގުޅިގެން ކުރާ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކާމިޔާބު އަހަރެއް އަންނާނެކަމާމެދު." އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ފާހަގަކުރެއްވިއެވެ.

ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖެއާ ޗައިނާއާއި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ތައުރީފު ކުރާކަމަށެވެ. އަދި މި ޕާޓްނާޝިޕަކީ އެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީއަކީ ދުނިޔޭގެ މުހިންމު މާކެޓުތަކުގެ މެދުގައި ރާއްޖޭގެ ޝައުގުވެރިކަން ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާއި ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

https://wamco.com.mv/
tel:+9607331319