logo

ވިޒިޓް މޯލްޑިވްސް އިން ޖަޕާން މާކެޓަށް ހާއްސަ ކެމްޕެއިނެއް ފަށަނީ

profile

އައިޝަތު އިނާޝާ - 01 އޯގަސްޓު 2024 - 18:25

ފޮޓޯ: އެމްއެމްޕީއާރުސީ

ފޮޓޯ: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޖަޕާނުގެ މަޤްބޫލް ޓީވީ ޕްލެޓްފޯމް ޓީވަރއެކީގައި ކެމްޕެއިން އެއް ލޯންޗްކޮއްފިއެވެ. މި ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ މި އޯގަސްޓް މަހުގެ 01 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓީވަރ އަކީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތައާރަފްކުރި އެޑް ސަޕޯޓެޑް ވީޑިއޯ އޮން ޑިމާންޑް (އެވޮޑް) ނެޓްވޯކްގެ ޓީވީ ޕްލެޓްފޯމް އެކެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އެއްގޮތަށް ކުރިއަރަމުންދާ މި ޓީވީ ޗެނަލަށް ޖަޕާނުގައި ބޮޑު މަގުބޫލުކަމެއް އޮވެއެވެ. ހިތްގައިމު، މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ލަގްޒަރީ ސެގްމަންޓް ތަކާއި، އާއިލާތަކަށް ހާއްސަ ސެގްމަންޓް ތަކާއި، ކަނޑު އަޑީގެ ރީތި ކަން އެކުލެވޭ އިޝްތިހާރުތައް، ޕްރޮގްރާމްތައް ހިންގުމުގެ ކުރިންނާއި މެދުތެރޭގައި ވީޑިއޯ އިޝްތިހާރެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި ޖަޕާން މާކެޓަށް ހާއްސަ ކޮށް، ވިޒިޓް މޯލްޑިވްސް އިން މި އަހަރު ވަނީ ގިނަ މާކެޓިން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. މީގެތެރެއިން ވިޒިޓް މޯލްޑިވްސް ޖަޕާން އެކައުންޓްތަކަށް ހާއްސަކޮށް ސޯޝަލް މީޑިއާގައި ކުރިއަށް ހިނގަމުންދާ ކެމްޕެއިންތަކާއި، ލަގްޒަރީ އަދި ވެލްނަސް އަށް ހާއްސަ މީޑިއާ ފެމް ޓްރިޕްއަކާއި، މެލޭޝިޔަން އެއާލައިން އާއި ގުޅިގެން ވެބިނާއެއް ބާއްވައި ޖަޕާނުން ފަސޭހަ ކަމާއިއެކު ރާއްޖެއަށް ދަތުރު ކުރެވޭނެ މަގުތައް ބަލައި، ޖަޕާން އައުޓްބޯޑު ޓޫރިޒަމް ކައުންސިލް (ޖޭއޯޓީސީ) ގެ އެޖެންޓުންނަށް ވެބިނާއެއް ހިންގުން ފަދަ ގިނަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ވެސް އެމްއެމްޕީއާރުސީ ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރޭންކުގައި ޖަޕާނަކީ 15 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ މެއި ގެ ނިޔަލަށް ޖަޕާނުގެ 13,517 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މާކެޓް ޝެއާގެ 1.5 އިންސައްތައެވެ. އެމްއެމްޕީއާރުސީއިން ބުނީ ކުރިޔަށް ހުރި ބައެއް ހަރަކާތްތަކުގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެކު ބޭއްވޭ ޖޮއިންޓް ޕްރޮމޯޝަނާއި، ޑިޖިޓަލް ކެމްޕެއިންތައް ހިމެނޭ ކަމަށެވެ.

އަދި ވިޒިޓް މޯލްޑިވްސް ވަނީ ޖަޕާން ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން، އަދި ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް (ޖާޓާ) އަދި ޖަޕާން ނޭޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަން (ޖޭއެންޓީއޯ) އިން އިންތިޒާމްކުރާ، ޓޫރިޒަމް އެކްސްޕޯ ޖަޕާން 2024 ގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ބައިވެރިވުމަށް ޕްލޭން ކުރެވިފައި ކަމަށް ވެސް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.

އަދި ރިސޯޓްތަކުގެ ރީތި ކަނޑުއަޑީގެ ވިލާ ތަކާއި، ކާއެއްޗެހީގެ މީރު ރަހަތަކާއި، ދިވެހި ސަގާފަތް ދައްކުވައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ޕްރޮމޯޝަނަލް ކެމްޕެއިން އަދި ކޮލަބޮރޭޝަންތައް ދަނީ ރާވަމުން ކަމަށާއި މި ހަރަކާތްތަކުގެ އަމާޒަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

https://wamco.com.mv/
tel:+9607331319