
ގދ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ "ރައްކާ ރޯޑްޝޯ",, ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 09:09
ގދ. އަތޮޅުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ "ރައްކާ ރޯޑްޝޯ" ގެ ހަރަކާތްތަކުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ގދ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ކުރިއަށް ގެންދިޔަ މި ރޯޑްޝޯއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި، ގދ. އަތޮޅު ފުލުހުންނާއި، ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކުގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި އާންމު ރައްޔިތުން ގުޅިގެން ހިންގި ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމެވެ.
މި ޕްރޮގްރާމްގެ ދަށުން ތަފާތު އެކި ދާއިރާތަކަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހޯޑެއްދޫ، ގައްދޫ، މަޑަވެލި އަދި ތިނަދޫގެ ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލު ދަރިވަރުންނާއި، ބެލެނިވެރިން، މުދައްރިސުން އަދި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ބާއްވާފައެވެ.
މީގެއިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން މުޖުތަމައުގެ އެއްބައިވަންތަކަން ގާއިމުކުރުމަށް ކުޅިވަރު މުބާރާތްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ތިނަދޫގައި ކުއިޒް މުބާރާތެއް ބާއްވައި، ވަނަވަނައަށް ދިޔަ ޓީމުތަކަށް އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ތިނަދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވުމަށް އަތޮޅުގެ އެކި ރަށްރަށުގެ މަގުތަކުގައި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި އޯޑިއޯ މެސެޖުތަކާއި، ފުލަޔާސް އަދި ލީފްލެޓް ބޭނުންކޮށްގެންނާއި އާންމުންނާ ފުލުހުން ބައްދަލުކޮށްގެން މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ރޯޑްޝޯގެ ތެރެއިން އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކަމުގެ ބިލްބޯޑު ހަރުކޮށްފައިވާއިރު، ތިނަދޫގައި ފަސް ބިލްބޯޑް އިފުތިތާހުކޮށް، ގިނަ ބައެއްގެ ބައިވެރިވުމާއެކު ހާއްސަ ހިނގާލުމެއް ވެސް ވަނީ ބާއްވާފައެވެ. މި ހިނގާލުމުގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ އޯޑިއޯ މެސެޖުތައް ހިއްސާކުރުމުގެ އިތުރުން، ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށް ބާރުއެޅުމަށާއި އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ގޮތުން އެކްސިޑެންޓް ސީންއެއް ވެސް ވަނީ ދައްކާލާފައެވެ.
ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން ހިންގި މި ކާމިޔާބު ޕްރޮގްރާމްގެ މި އަހަރުގެ ޕާޓްނަރުންނަކީ އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް، އަދި ހޮންޑާ (ޝީޝާ) އެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު ކަރުދާހުގައި އާންމުކޮށް ކިޔާނަން ހިމަނަން އެމްޑީޕީން ފުރުސަތު ހުޅުވާލައިފި
9 މިނިޓު ކުރިން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ
16 މިނިޓު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
ގަޑިއިރެއް ކުރިން

ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން


