
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހުން،، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ތިން މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 09:09
މުދާ ވިއްކާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގެ މާކެޓް ޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. އަތޮޅަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ ހީނާގެ، ނ. ހޮޅުދޫ، އުމުރުން 32 އަހަރުގެ ޢަލީ ޢައްފާން އާއި، ޕްލާޒާ، ނ. ހޮޅުދޫ، އުމުރުން 34 އަހަރުގެ މުޙައްމަދު ޙަމީދު އަދި ވީނަސް، ނ. ވެލިދޫ، އުމުރުން 34 އަހަރުގެ ޙައްސާނު ޢަލީއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކަށް ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ، މަކަރާއި ހީލަތުން 30,000 (ތިރީސް ހާސް) ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫއިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މީގެ އިތުރުން، ޢަލީ ޢައްފާން އަދި މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކަން ހުރި ކަމަށް ދައްކައިގެން މީހެއްގެ އަތުން މަކަރާއި ހީލަތުން 30,000 (ތިރީސް ހާސް) ރުފިޔާ އަތުލި މައްސަލައެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ނ. ހޮޅުދޫއިން ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މި ދެ މީހުން ވެސް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި، ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ނުއަގުގައި މުދާ ވިއްކަން ހުންނަކަމަށް ބުނެ އިޝްތިހާރުކުރުމަށްފަހު، އެޑްވާންސްކޮށް ފައިސާ ޖަމާކުރުވައި، ފަހުން މުދާ ހަވާލުނުކޮށް މުއާމަލާތް ކަނޑާލުމަކީ ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. މީގެ އިތުރުން ބޭންކުތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ނަމުގައި ފޯނުކޯލުތައް ކޮށްގެންނާއި، ލިންކުތައް ފޮނުވައިގެން ޒާތީ މަޢުލޫމާތާއި(އޯޓީޕީ) ހޯދައިގެން އެކައުންޓުތަކުން ފައިސާ ފޭރުމުގެ މައްސަލަތައް ވެސް ވަނީ އިންތިހާއަށް ގިނަވެފައެވެ.
މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން އާންމު ރައްޔިތުންގެ އިތުބާރު ނަހަމަ ގޮތުގައި ހިފަމުންދާތީ، އޮންލައިންކޮށް މުދާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ. ޚާއްސަކޮށް އެއްޗެއް ގަތުމުގެ ކުރިން އެއީ އަސްލެއްކަން ކަށަވަރުކުރުމަށާއި، އިތުބާރު ނުހިފޭ ފަރާތްތަކަށް އެޑްވާންސްކޮށް ފައިސާ ނުފޮނުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އަންގަމުންނެވެ.
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގި މި ދެ މަކަރާއި ހީލަތުގެ މައްސަލަ ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އިތުރަށް ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު ކަރުދާހުގައި އާންމުކޮށް ކިޔާނަން ހިމަނަން އެމްޑީޕީން ފުރުސަތު ހުޅުވާލައިފި
9 މިނިޓު ކުރިން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ
16 މިނިޓު ކުރިން

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި
ގަޑިއިރެއް ކުރިން

ގދ. އަތޮޅުގަ ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯއިން މަގުމަތީގެ ރައްކާތެރިކަމަށް މުހިންމު މެސެޖުތަކެއް ދީފި
ގަޑިއިރެއް ކުރިން


