logo

ސީއެޗްއެސްއީ ގެ މާލެ އިމާރާތުގައި އަލުން ކިޔަވާދެނީ

profile

ޝުރުފާ މުހަންމަދު - 01 ޖުލައި 2024 - 13:27

ސީއެޗްއެސްއީ---

ސީއެޗްއެސްއީ---

ސެންޓަރ ފޮރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގެ މާލޭ އިމާރާތުގައި އަލުން އޭލެވެލް އަށް ކިޔަވައިދޭން ނިންމައިފި އެވެ.

މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ ގެ އައު އިމާރާތް ހުޅުމާލޭގައި ހަދާ އެތަނުގައި ކިޔަވައިދޭން ފެށުމާއި އެކު މާލެ ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލީ މިދިޔަ އަހަރު ތެރޭގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީގް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރަ މާލެ އަކީ ދިވެހިރާއްޖޭގައި އެންމެ ގިނަދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށެވެ. އެގޮތުން މިހިނގާ 2024ވަނަ އަހަރު ގްރޭޑް10 ގައި 1700 ދަރިވަރުން ފުރަމާލޭގާ ކިޔަވަމުންދާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މާލޭގައި އޭލެވެލް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.އީ ގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅިވި އެވެ. އަދި ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށާއި ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެ ކަމަށެވެ.


tel:+9607331319