logo

އޭލެވެލްއަށް ކިޔަވާ ދަރިވަރުންނަށް ފީ ދައްކާދޭނެ ހާލަތު ބަޔާންކޮށްފި

profile

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 13:12

އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ސްކޫލްތަކުގެ ދަރިވަރުންނަށް ފީ ދައްކާނީ، ސަރުކާރުގެ އޭލެވެލް ސްކޫލަކަށް އެޕްލައިކޮށް ޖާގަ ނުލިބިގެން މި މިނިސްޓްރީގެ ފަރާތުން އެފަދަ ސްކޫލަކަށް ފޮނުވާ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ފޭސްބުކު ޕޭޖުގައި މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެފައި ވަނީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން މި މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުންގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބަދަލު ގެނައީ މާލެ ސަރަހައްދުގައި ސީ.އެޗް.އެސް.އީ-މާލެ އަދި ސީ.އެޗް.އެސް.އީ-ހުޅުމާލޭގައި ކިޔެވުމުގެ ފުރުސަތު ތަނަވަސްވުމާ ގުޅިގެން ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް މާލޭގެ ކޮމިޔުނިޓީ ސްކޫލް (އަވަށު ސްކޫލް) ތަކަށް މިހާރުވެސް ފީ ލިބެމުންދާ އުސޫލުން ފީ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސާނަވީ އިމްތިހާނުތަކުގެ ނަތީޖާލިބުމާއެކު މަތީ ސާނަވީއަށް ކިޔެވުމަށް ސަރުކާރުގެ ސްކޫލްތަކުން ކިޔެވުމުގެ ފުރުސަތުވަނީ ސަރުކާރުގެ ހުރިހާ ސްކޫލަކުން ހުޅުވާލާފައެވެ.

އޭލެވެލް ފުޅާކުރުމުގެ އަމާޒަކީ މަދަރުސި ތައުލީމީ ނިޒާމް ނިންމާ ގުރޭޑަކީ ގުރޭޑް 12އަށް ހެދުން ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

އޭލެވެލްގެ އެކްސްޓެންޝަން ކުރިއަށް ގެންދާ 23 ސްކޫލް ކަނޑައަޅާފައި ވަނީ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މަތީ ސާނަވީއަށް ކިޔަވަން ކުރިން ކަނޑައަޅާފައިވާ ޝުރުޠު ތަކަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ ގެނެސްފައެވެ. ކުރިން ފަސް މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ދެވޭއިރު، މިހާރު ދެ މާއްދާ ނޫނީ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލްއަށް ކިޔެވޭ ގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

tel:+9607331319