logo

2023 ގެ އޯލެވެލްގައި 50% ދަރިވަރުން ފަސް މާއްދާއިން ފާހެއް ނުވޭ: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 23:39

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑު  ދިނުމަށް ބޭއްވި ތިން ވަނަ ސެޝަންގައި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ދިނުމަށް ބޭއްވި ތިން ވަނަ ސެޝަންގައި

ހުސްވި 2023 ވަނަ އަހަރުގެ 'އޯލެވެލް' އިމްތިހާނުގައި 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ 'ޓޮޕް އެޗީވާސް އެވޯޑު' ދިނުމަށް ބޭއްވި ތިން ވަނަ ސެޝަންގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށެވެ.

ޖަލްސާގެ ބައިވެރިންނަށް ތަފާސްހިސާބުތައް ފެންނަ ގޮތަށް މިނިސްޓަރު ދެއްކެވި ވާހަކައިގައި ވިދާޅުވީ 2013 އާއި އަޅާ ބަލާއިރު މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ދަށް ކަމަށެވެ. އެގޮތުން މީގެ ދިހަ އަހަރު ކުރިން 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ނަމަވެސް މިދިޔަ އަހަރު އެއާ އެއްވަރަށް ދަރިވަރުން ފާސްވެފައިނުވާ ކަމަށެވެ.

"2013 ވަނަ އަހަރު އަޅުގަނޑުމެންނަށް އޯލެވެލްގެ އިންތިހާބުން ގާތްގަނޑަކަށް 50 އިންސައްތަ ހާސިލުކުރެވުނޭ. އަދި އޭގެ ދިހަ އަހަރު ފަހުން 2023 ގައި ވެސް އަޅުގަނޑުމެންނަށް މިއުޅެވެނީ ގާތްގަނޑަކަށް 50 އިންސައްތަ. ފާސް މާއްދާއިން އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އިންސައްތައިގެ ވާހަކަ." މިނިސްޓަރު ވިދާޅުވި އެވެ.

ނަތީޖާ ދަށްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ދަރިވަރުންނަށް އެކަށީގެންވާ ވަރަށް ހިސާބު މާއްދާ، އާއި ދިވެހި، އަދި އޭގެ އިނގިރޭސި މާއްދާއިން ދަސްކޮށްދޭންޖެހޭ މިންވަރަށް އެކަން ނުކުރެވި އޮތުމާއި ކިޔަވާ ދިނުމަށް އެކަށީގެންވާ މިންވަރަށް ޓީޗަރުން ނެތުމުގެ ސަބަބުން ނެވެ.

ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އެއާއެކު ފާއިތުވި މަސްތަކުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރީ ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ކުރެވޭނީ 'އޭލެވެލް' އަށް ކިޔަވާ ދަރިވަރުން އިތުރުކުރެވިގެން ކަމަށެވެ. އަދި އެ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މިއަހަރު އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު، މިދިޔަ އަހަރާއި އަޅާބަލާއިރު 77 އިންސައްތަ އިތުރުވުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

tel:+9607331319