logo

އޭލެވެލް ފުޅާކުރަނީ މަދަރުސި ތައުލީމް ނިންމުން ގުރޭޑް 12 އަށް ހެދުމަށް

profile

އާމިނަތު ޝަފާ - 02 އޯގަސްޓު 2024 - 17:44

އެޑިއުކޭޝަން މިނިސްޓަރ ޝަފީއުއާއެކު ވުޒާރާގެ އިސްވެރިން

އެޑިއުކޭޝަން މިނިސްޓަރ ޝަފީއުއާއެކު ވުޒާރާގެ އިސްވެރިން

އޭލެވެލް ފުޅާކުރުމުގެ އަމާޒަކީ މަދަރުސި ތައުލީމީ ނިޒާމް ނިންމާ ގުރޭޑަކީ ގުރޭޑް 12 އަށް ހެދުން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު ވިދާޅުވީ، އޭލެވެލް ފުޅާކުރުމުގެ ބޭނުމަކީ މުޅި ރާއްޖެއަށް މަތީ ސާނަވީ ފުޅާކުރުން ކަމަށާއި އޭގެ ތެއިން މި އަހަރު 23 ސްކޫލެއްގައި އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި، ގުރޭޑް ހަތަކުން ކިޔެވުން ނިންމާލާ ހިސާބެއް ދިޔަ ކަމަށާއި އޭގެ ފަހުން ގުރޭޑް 10 ނިންމާ އޯލެވެލް ހިސާބަށް މަދަރުސީ ތައުލީމް ނިންމާ ގުރޭޑް މަތިވި ކަމަށެވެ.

"21 ވަނަ ޤަރުނުގައި، ތަޢުލީމި ނިޒާމް ބަދަލުވެގެންދާއިރު އޭލެވެލްއަކީ ތަޢުލީމީ ނިޒާމުގެ އެގްޒިޓަށް ހަދަންޖެހޭ. އެ ވިޝަންގައި، މިއަދު މި ކުރާ މަސައްކަތަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ތަޢުލީމުގެ އެގްޒިޓަކީ ތައުލީމީ ނިޒާމް ނިންމާ ގުރޭޑަކީ ގުރޭޑް 12އަށް ހެދުން. 23 ސްކޫލެއްގައި މި ފަށަނީ މި އަމާޒަށް ވާޞިލްވުމަށް ކުރަން ޖެހޭ މަސައްކަތް".

އޭނާ ވިދާޅުވީ ތައުލީމީ ޤާނޫނަށް ބަލާއިރުވެސް 18 އަހަރާ ހަމައަށް ދަރިވަރުންނަކީ ސްކޫލް މާހައުލެއްގެ ތެރޭގައި ތިބެގެން އެކުދިންގެ ޑިވެލޮޕްމަންޓަށް އެކި ދިމާލުން ތަރައްޤީ އަންނަ ބަޔަކަށް ހަދަން ބާރުއަޅާފައިވާ ކަމަށެވެ.

ގުރޭޑް 10 ނިންމާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގެން ދާއިރު، ކުރިއަށް އޮތް ތަނުގައި އަމިއްލަ އިމްތިޙާނުތައް ވެސް މަތީ ސާނަވީގެ ތެރެއިން އުފެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

" މިސާލަކަށް، މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ވަކި ޕާތްވޭތަކެއް އިޚްތިޔާރު ކުރަން ބޭނުންވާ ދަރިވަރުންނަށް އެޑެކްސެލްގެ ހިސާބު މާއްދާގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ، އަޅުގަނޑުމެންގެ ޤައުމުގައި ތައްޔާރު ކުރެވޭ ހިސާބު މާއްދާއެއް ފަރުމާ ކުރާނެ".

އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރު ދަރިވަރުންގެ ނިއުމެރެސީއާއި މެތެމެޓިކަލް ކޮންސެޕްޓްތައް އުނގަންނައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭލެވެލްގެ އެކްސްޓެންޝަން ކުރިއަށް ގެންދާ 23 ސްކޫލް ކަނޑައަޅާފައި ވަނީ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މަތީ ސާނަވީއަށް ކިޔަވަން ކުރިން ކަނޑައަޅާފައިވާ ޝުރުޠު ތަކަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ ގެނެސްފައެވެ. ކުރިން ފަސް މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ދެވޭއިރު، މިހާރު ދެ މާއްދާ ނޫނީ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލްއަށް ކިޔެވޭ ގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

tel:+9607331319