logo

ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގުން ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފި

profile

ޒިދާން މުޙައްމަދު - 08 އޯގަސްޓު 2024 - 01:12

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހަމަޖެއްސެވިކަން އަންގަވާފައިވަނީ މިއަދު (ބުދަދުވަހު) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

6 އޮގަސްޓު 2024 ވަނަ ދުވަހުން ފެށިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގުން ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ މީގެކުރިން ހިންގަމުން އައީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

ހޯމް މިނިސްޓްރީގެ ދަށުން މިހާރު ހިންގަނީ ލޭބަ ރިލޭޝަން އޮތޯރިޓީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީއެވެ.


https://int.etukuri.mv/
tel:+9607331319