logo

ވަޒީފާގައި އިހުމާލުން ފުރަނަ ގޮސްފި ނަމަ މިލިއަނުން ބަދަލު

profile

ޝުރުފާ މުހައްމަދު - 18 އޮކްޓޯބަރު 2024 - 18:20

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

ވަޒީފާގެ މާހައުލުގައި ވަޒީފާ ދޭ ފަރާތުގެ އިހުމާލުން އެއްވެސް މީހެއްގެ ފުރާނަ ގޮސްފި ނަމަ، އެކަމުގެ ބަދަލު މިލިއަނުން ނަގައިދޭ ގޮތަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް އެކުލަވާލައިފިއެވެ.

އެ އޮތޯރިޓީން އާންމުކޮށްފައިވާ "މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ގަވާއިދު" ގައި މަސައްކަތުގެ މާހައުލުގައި މީހުންނަށް ލިބޭ އަނިޔާތަކަށް ނަގައިދެވޭ ބަދަލުތަކުގެ ތަފްސީލް ހާމަކޮށްފައި ވެއެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ކުރާ މަސައްކަތަކުން އެއްވެސް މީހަކަށް ނުކުޅެދުންތެރިކަމެއް ލިބިއްޖެ ނަމަ، ނުވަތަ ފުރާނަ ގޮސްފި ނަމަ އެކަމަކަށް ފަރުވާ ކުރުމަށް ހިނގި ޚަރަދާއި ބޮޑެތި އަދަދުތަކުން ބަދަލު ނަގައިދޭން ހިމަނާފައިވެ އެވެ.

ވަޒީފާގައި ލިބޭ އަނިޔާއާ ގުޅިގެން ނަގައިދެވޭ ބަދަލުގެ ބާވަތްތައް:

• ލިބޭ އަނިޔާއަކަށް ބޭސްފަރުވާގެ ހަރަދު
• ވަޒީފާއަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ
• ވަގުތީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
• ދާއިމީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
• ފުރާނަ ހިނގައްޖެ ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު

މި ގަވާއިދުގައިވާގޮތުން، މަސައްކަތުގެ މާހައުލުގައި ދާއިމީ ނުކުޅެދުންތެރިކަމެއް އެއްވެސް މީހަކަށް މެދުވެރިވެއްޖެ ނަމަ އެމީހަކަށް މަދުވެގެން 10 އަހަރަށް ބަދަލު ނަގައިދޭން ޖެހޭނެއެވެ. މި ބަދަލު ދޭން ޖެހެނީ 1.2 މިލިއަނާއި 19 މިލިއަން ރުފިޔާ އާއި ދެމެދުގައެވެ. ބަދަލު ދޭ މިންވަރު ކަނޑައަޅާނީ، އެމީހާގެ އުމުރާއި، ދިމާވެފައިވާ ނުކުޅެދުންތެރިކަމާއި ބައެއް އެހެން ކަންކަމަށް ވެސް ބަލަން ޖެހެ އެވެ.

ނުކުޅެދުންތެރިކަމުގެ މިންވަރުތަކެއް ގަވާއިދުގައި ކަނޑައަޅާފައިވާއިރު ކޮންމެ ނުކުޅެދުންތެރިކަމުގެ މިންވަރަށް ބަދަލުގެ ގޮތުގައި ދެވޭނެ ފައިސާގެ އަދަދުވެސް އޭގައި ހިމަނާފައި ވެއެވެ.

މަސައްކަތުގައި އުޅުމުގެ ތެރެއިން އަނިޔާއެއް ވެއްޖެ ނަމަ، އެކަށީގެންވާ ސިއްޙީ ފަރުވާ ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. އަދި އަނިޔާއެއްގެ ސަބަބުން މަސައްކަތަށް ނުނިކުމެވި ހޭދަވާ މުއްދަތަށް އުޖޫރަ ދެވޭނީ އެ މުއްދަތަށް ރަޖިސްޓްރީކޮށްފައިވާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުން ދީފައިވާ ސަލާމުގެ ސެޓްފިކެޓާއި އެޑްމިޓުކުރި މުއްދަތަށް ދޫކުރާ ސެޓްފިކެޓު ހުށައެޅުމުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ފުރާނަ ގެއްލިއްޖެ ނަމަވެސް މީހާގެ އުމުރާއި، އެއް މަސްދުވަހަށް ލިބޭ އެވްރެޖް އާމްދަނީ އާއި މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރަށް ބަލަން ޖެހެ އެވެ. އަދި އިހުމާލަކާ ނުލައި އެކްސިޑެންޓަކުން ހިނގި ކަމެއް ނަމަ ބަދަލު ނަގައިދޭނެ ގޮތް ވެސް އެ ގައިވާއިދުގައި ވެއެވެ. މި ބަދަލު ދެވޭނެ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000ރ. އާއިލާ އަށް ދޭން ޖެހޭނެ އެވެ. އަދި އިހުމާލެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ އާއިލާއަށް ދޭން ޖެހޭނެ އެވެ.


https://int.etukuri.mv/
tel:+9607331319